ޚަބަރު

ވަޤްފުގެ ގޮތުގައި ހަދިޔާކުރާ ތަކެތި ބެލެހެއްޓުމަށް ޤާނޫނެއް އެކުލަވާލަނީ


ވަޤްފުގެ ގޮތުގައި ހަދިޔާކުރާ ބިމާއި އެނޫންވެސް ތަކެތި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ޤާނޫނެއް އެކުލަވާލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ވަޤުފުގެ ގޮތުގައި ދަރުމައަށް އެދި ކުރާކަންކަން އިތުރުކުރުމާއި އެފަދަ ކަންކަމުން ލިބޭ އެހީތައް ދީނީ ކަންކަމާޢި އެހީއަށް އެދޭ ފަރާތަކަށް ފޯރުކޮށްދެވޭނެ ރަނގަޅު ނިޒާމެއް ކަނޑައެޅުއްވުމަކީ އަމާޒެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ބޭނުންކުރަމުން އަންނަ ވަޤުފު އިމާރާތުން ލިބޭ ފައިސާ ވެސް ހޭދަކުރަމުން އަންނަނީ ދީނީ ކަންތައްތަކަށާއި އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށްކަމަށެވެ.

ވަޤްފުގެ ގޮތުގައި ނުވަތަ ދަރުމައަށް އެދި ހޭދަކުރަން ބޭނުންވާ ފަރާތްތައް ތިބިކަން ފާހަގަކުރައްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ ވަޤްފުގެ ޤާނޫނެއް ހެދިއްޖެނަމަ މިކަމުގައި އުސޫލްތަކެއް ކަނޑައެޅޫ ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ، އެ ގޮތުން މި ފަދަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މި ޤާނޫނޫ އަންނަ އަހަރުގެ ކުރީކޮޅު ކަމާބެހޭ އިދާރާތަކަށް ހުށައަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޤާނޫނާއި އެކު ވަޤުފު އިމާރާތްތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރުވެސް ވަނީ ވަޤުފުގެ ތިން އިމާރާތެއް އެޅުމަށް ނިންމާފައެވެ. ވަޤުފުގެ ގޮތުގައި ލިބިފައިވާ ބިންތަކުގައި އިމާރާތްތައް އެޅުމަށް ބޭރުގެ އެކި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށާއި ބައެއް އިމާރާތްތަކުގެ ކުރެހުމުގެ މަސައްކަތް ނިމިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ހުޅުމާލެއާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައިވެސް ވަޤުފު އިމާރާތް އެޅުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ޢިމާރާތް ކުރައްވާފައިވާ ވަޤުޕް އިމާރާތަކީ ދާރުލް އީމާންއެވެ. އެ އިމާރާތުން ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ކުއްޔަށް ދޫކޮށްގެން ބޮޑު އާމްދަނީއެއް ލިބެއެވެ. އެތަނުން ލިބޭ ލިބޭ ޢާމްދަނީން ވަނީ މިސްކިތްތައް ބެލެހެއްޓުމާއި ، މިސްކިތްތައް މަރާމާތު ކުރެއްވުން ފަދަ މިސްކިތްތަކާއި ގުޅޭ ކަންކަމަށް ޚަރަދުކޮށްފައެވެ.