ވިޔަފާރި

އޮކްޓޯބަރުމަހު އިންފްލޭޝަން ރޭޓު 0.28 އިންސައްތަ މައްޗަށް


މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.28 އިންސައްތަ މަތިވެފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، އެން.ބީ.އެސްއިން ބުނެފިއެވެ.

އެން.ބީ.އެސްއިން ނެރެފައިވާ މިދިޔަ އޮކްޓޯބަރުމަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ރިޕޯޓުގައިވާގޮތުން ފާއިތުވި އޮކްޓޯބަރުމަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.28 އިންސައްތަމަތިވެފައިވާއިރު މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 0.05 އިންސައްތައިގެ މަތިވުމެކެވެ. ސެޕްޓެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 0.23 އިންސައްތައިގައެވެ.

މަހުގެ އަގުތަކަށް އައި ބަދަލު ނުލާ އޮކްޓޯބަރު މަހުގެ އިންފްލޭޝަން ރޭޓު ހުރީ 0.43 އިންސައްތައިގައެވެ. މިއަދަދު ސެޕްޓެމްބަރު މަހު ހުރީ 0.27 އިންސައްތައިގައެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް އިންފްލޭޝަން ރޭޓު ވަނީ 0.75 އިންސައްތަ އިތުރުވެފައެވެ.

އެން.ބީ.އެސްއިން ނެރެފައިވާ ރިޕޯޓުގައިވާ ކާބޯތަކެއްޗާއި ކުއްޔާއި މުއާސަލާތީ ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތަކުގެ އޮކްޓޯބަރުމަހު ވަނީ މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި ތަރުކާރީގެ ބައިން 8.27 އިންސައްތަ، ފޯނުކޯލުގެ ޚިދުމަތްތަކުން 2.95 އިންސައްތަ، ކުލިން 0.84 އިންސައްތަ، ފަރުނީޗަރު 0.64 އިންސައްތަ، މުވާސަލާތީ ޚިދުމަތްތަކުން 0.66 އިންސައްތަ, ބޯފެނުން 0.64 އިންސައްތަ، އެއްގަމު މަހުން 0.51 އިންސައްތަ އަދި އެހެނިހެން ބާވަތްތަކުން 0.12 އިންސައްތަ އިތުރުވެފައިވެއެވެ.

ހުސްވިމަހު ބާޒާރުގައި އަގުތައް ދަށަށް ގޮސްފައިވާ ތަކެތީގެ ތެރޭގައި މަހުގެ ބާވާތްތައް، މޭވާ އަދި ކިރާއި ކިރުން އުފައްދާ ބާވަތްތަކާއި ބިސް ހިމެނެއެވެ.