ޚަބަރު

ޚާރިޖީ ވަޒީރު ފިންލޭންޑަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި


ޚާރިޖީ ވަޒީރު އަބްދުﷲ ޝާހުދު ފިންލޭންޑަށް ކުރެއްވި 3 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖެއާއި ފިންލެންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. އަދި ފިންލޭންޑްގެ ފަރާތުން ސޮއިކުރެއްވީ ފިންލޭންޑްގެ ޚާރިޖީ ވަޒީރު ޕެއްކާ ހާވިސްޓޯއެވެ.

މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ވިޔަފާރި އުޞޫލުން ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ.

ޚާރިޖީ ވަޒީރު ޝާހިދު ކުރެއްވި ޓުއީޓް

މިމަހުގެ 27އިން 29އަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ފިންލޭންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުވަނީ، ފިންލެންޑްގެ ޚާރިޖީ ވަޒީރު ޕެއްކާ ހާވިސްޓޯއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އިތުރު ދާއިރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ތައުލީމީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ފިންލެންޑަކީ މިހާރު ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުން، ދިވެހި ކަނޑުމަހުގެ އުފެއްދުންތަކަށް ޔޫރަޕްގެ ޤައުމުތަކުން ނަގާ ޑިއުޓީ ކަނޑާލުމާބެހޭ ގޮތުންނާއި، ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށް ވިސާއާނުލައި ދަތުރުކުރެވޭނެ މަގުފަހިކުރުމާއި ބެހޭ ގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޝާހިދު ފިންލޭންޑަށް ކުރައްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ލީ އެންޑަރސަންއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި އެމަނިކުފާނުވަނީ، ރާއްޖޭގައި ހުރި އިންވެސްޓުކުރުމުގެ ފުރުސަތުތަކާއި ގުޅޭގޮތުން ފިންލެންޑްގެ ވިޔަފާރިވެރިންނާއެކު މަޝްވަރާކުރައްވާފައެވެ. ފިންލެންޑްގެ ޗެމްބަރ އޮފް ކޮމާސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުވަނީ، ރާއްޖޭގައި ހުރި ވިޔަފާރިއާއި އިޤްތިޞާދީ ފުރުސަތުތަކުގެ މަޢުލޫމާތު ފިންލޭންޑްގެ ވިޔަފާރިވެރިންނާއި ހިއްސާކުރައްވާފައެވެ.

ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ، އިތުބާރު ހިފޭ ޕްރައިވެޓް ފަރާތްތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ސަރުކާރެއްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ފިންލޭންޑްގެ ކުންފުނިތަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިފަދަ ހަކަތައަކީ ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ވަރަށް މުހިންމު ހަކަތައިގެ ނިޒާމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދުވަނީ މި ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ފިންލޭންޑްގެ ވިޔަފާރިވެރިންވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާކަން ހާމަކޮށްފައެވެ.