ޚަބަރު

ލަންޑަން ބްރިޖް ސަރަހައްދުގެ ޙާލަތު ހަމައަކަށް ނޭޅެނީސް އެސަރަހައްދަށް ނުދިއުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފި


އިނގިރޭސިވިލާތުގެ ލަންޑަން ބްރިޖް ސަރަހައްދުގައި ހިނގި ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެއްވެސް ދިވެއްސަކަށް ހާނިކައެއް ވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށާއި، މިވަގުތު އެ ސަރަހައްދަށް އެއްވެސް ދިވެއްސަކު ނުދިއުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ އެސަރަހައްދުގެ ޙާލަތު ގާތުން ބަލަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް އައިރު އެއްވެސް ދިވެއްސަކަށް މި ޓެރަރިސްޓް ހަމަލާގައި އަނިޔާވެފައި ނުވާކަމަށް އެމްބަސީއިން މަޢުލޫމާތުދެއެވެ. އަދި މިޙަމަލާއި ގުޅިގެން އެހީތެރިކަން ހޯދުމަށް އެމްބަސީގެ ނަންބަރު 07851190546 އަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހި ޚާރިޖިއްޔާއިން ކުރި ޓުއީޓް

މިއަދު މެންދުރު ފަހު އިނގިރޭސިވިލާތުގެ ލަންޑަން ބްރިޖްކައިރި ޓެރިސްޓަކު ވަޅިން އާންމުންނަށް ހަމަލާދީފައެވެ. މި ހަމަލާގައި ހަރަކާތްތެރިވި ޓެރަރިސްޓް އިނގިރޭސިވިލާތުގެ ފުލުހުން މިހާރު މަރާލާފައިވާކަމަށް ރިޕޯޓްތަށް ބުނެއެވެ. މި ހަމަލާއިއެކު އިނގިރެސި ވިލާތުގެ ސަލާމަތީކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އާންމުކޮށް މީހުން އެއްވެ އުޅޭ ސަރަހައްދުތަކާއި ފަތުރުވެރިން އަންނަ ސަރަހައްދުތަކުގެ ސެކިއުރިޓީ އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ވަރުގަދަކޮށްފައެވެ.

އިނގިރޭސިވިލާތަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތަޢުލީމް ޙާސިލްކުރުމަށާއި، ދިރިއުޅުމަށް އަދި ޗުއްޓީ ހޭދަކޮށްލުމަށް ދާ ޤައުމެކެވެ. އެގޮތުން އިނގިރޭސިވިލާތާއިއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.