ޚަބަރު

ހަރުކަށި، އަނިޔާވެރި ޢަމަލުތައް ހުއްޓުވުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވާ - އިމްރާން


ހަރުކަށި ޢަމަލުތަކާއި އަނިޔާވެރި ޢަމަލުތައް ހިންގުން ހުއްޓުވުމުގައި އެންމެހައި ފަރާތްތަކުން ސަރުކާރަށް އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިއަދުއޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަށް ކުޑައިމީސްބަސް ރައްދުކޮށް، ފުރައްސާރަކޮށް މަލާމާތްރައްދުކުރުމާ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް މަދުންނަމަވެސް ހިންގަމުންދިއުންކަމަށެވެ.

"މިކަމަށް ހައްލެއް ހޯދުމަށް ދީނާ ޤައުމުދެކެ ލޯބިވާ ހުރިހާ ޢިލްމްވެރިންނާއި ރައްޔިތުން ސަރުކާރަށް އެހީތެރިވުމަށް މިރޭ އަޅުގަނޑު އިލްތިމާސްކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީއިން ކުރި ޓުއީޓް

މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ދިވެހި ޤައުމު ނަގަހައްޓައި ރައްޔިތުންގެ ސުލުޙަ މަސްލަހަތު ޤާއިމްކޮށް، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި ވަހުދަތު ޤާއިމްކުރެވޭނީ ޤައުމުގެ ހުރިހާ އަފްރާދުން އެއަސާސްތަކެއްގެ މައްޗަށް އެއްބައިވަންތަކުރުވާ ޒިކުރާތައްއަބަދުމެ ހަނދާން އާކޮށް ދިރުވާ އާލާކޮށްގެންކަމަށެވެ.

ދިވެހިންނަކީ ކިޔަމަންތެރި ސުލުހަވެރި، އެންމެން އެކުގައި އުޅެން ބޭނުންވާ އެއްބައިވަންތަ ބައެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހައްޤުގޮތް ސާފްވެ ބަޔާންވުމުން އެގޮތް ޤަބޫލުކުރުމުގައި ފަސްޖެހުމެއްނެތި ވަގުތުން އަމަލުކުރުމުގެ ރީތިސިފަ ދިވެހިންގެ ކިބައިގަ އަށަގެންފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެ އިސްލާމްވެގެންދިޔަގޮތުގެ ޙާދިސާއަކީ އެހާދިސާއިން ގިނަގުނަ ޢިބްރަތްތަކަކާއި ފިލާވަޅުތަކެއް ހާޞިލްކުރެވޭނެ ހާދިސާއެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެންމެ މުޙިއްމު އެއްފިލާވަޅަކީ ދީނަށް ގޮވާލުމުގައި ނުވަތަ ދަޢުވަތު ދިނުމުގައި ހާލަތަށް ރިޢާޔަތްކޮށް ހިކުމަތާއި، ބުއްދި އިސްކޮށް، ޤަބޫލުކުރަން ފަސޭހަވާނެ ބީދައިން ދަޢުވަތު ދިނުންކަމަށެވެ.

ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މާތްވެގެންވާ އިސްމާލްދީން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ދީން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއްކަމަށެވެ. އެކަމަށްހުރި ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލެއް ހޯދުމަކީ ސަރުކާރާއި، ޢިލްމްވެރީންގެ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.