ޚަބަރު

ދީނީ ހައްދު ފަހަނައަޅާދިއުން ހައްލުވާނީ ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީގެން - ނައިބު ރައީސް


ދީނީގޮތުން ހައްދު ފަހަނައަޅައި ދިއުން ޙައްލުވާނީ ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ ހިތްތަކުގައި ހަރުލެއްވުމަށް ކުރާ މަސައްކަތް ހަރުދަނާ ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފަނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިސްލާމް ދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ އަދި އިސްލާމް ދީނަށް ފުރައްސާރަކުރަމުންދާ މީހުންނާ މެދުވެސް އަޅަން އެންމެރަނގަޅު ފިޔަވަޅަކީ، ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވެވިއެވެ.

މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މި ދެ މައްސަލައިގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ދެމައްސަލަވެސް ކުރިމަތިވަނީ، އިސްލާމް ދީން ރަނގަޅަށް އޮޅުން ނުފިލުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން މިކަންކަމަށް އޮތް ދާއިމީ ޙައްލަކީ، އެފަދަ މީހުންނަށް ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ތާރީޚަށް ބަލާއިރު ދިވެހިންގެ ގިނަ ކަންކަން ދުވަހުންދުވަހަށް އަހަރުންއަހަރަށް އެކި ގޮތްގޮތަށް ބަދަލުވެފައި ވީނަމަވެސް ބަދަލުނުކޮށް، އަދި ދުވަހަކުވެސް ބަދަލުކުރަން ބޭނުންނުވާނެ ކަމަކީ ދިވެހިން ޤަބޫލުކޮށްގެން ތިބި އިސްލާމް ދީންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަށް ލިބިފައިވާ މިނިޢުމަތާ ދިވެހިން ވަކިކުރުމަށް، ތަފާތު އެތައް މަސައްކަތްތަކެއް، އެކި ގޮތްގޮތުން އެކިފަރާތްތަކުން ކުރަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެއް ބަޔަކު މަސައްކަތް ކުރަނީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް، ދީނުގެ ކަންކަމުގައި ހަދައިގެން، މިމަތިވެރި ދީނުގެ ސިފަ ހުތުރުކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދީނުގެ ނަމުގައި މީހުން މަރައި، މީހުންގެ މުދާ ފޭރި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ނަގައިލުމުގެ ޢަމަލުތަކެއް، ބަޔަކު ހިންގަމުންދާކަމަށާ، އެފަދަކަންކަމަށް ހިތްވަރުދީ ވާހަކަދައްކާ ބަޔަކުވެސް އުޅޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އިސްލާމުދީނުގައި ކަންއޮތީ އެހެންނޫންކަން ފާހަގަކުރައްވައި އިސްލާމު ދީނަކީ މީހުންނަށް އޯގާތެރިވެ ހަމްދަރުދީވުމަށް، އަދި ކުޑަކުދިންނާއި ދުވަސްވީމީހުންގެ ޙައްޤުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް، އެންމެބޮޑަށް ބާރުއަޅާ ދީންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އިސްލާމް ދީނުގެ އުސޫލުތައް ޤަބޫލުނުކޮށް، މި ދީނުގެ ކަންކަމަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ، މިފަސްގަނޑުގައި ޖާގަދެވިގެންވާނެ ކަންކަމެއް ނޫންކަން އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސްލާމީ ޢަޤީދާގެމަތީގައި ސާބިތުވެ ތިބޭތީ، ޢަޤީދާ އާއި ދީނަށް، އިހާނެތިކޮށް ހިތައި ފުރައްސާރަކުރުމަކީ، ތަހުޒީބު މުޖްތަމަޢުތައްވެސް ޤަބޫލުކުރާ ހަމައެއް ނޫންކަމަށާ، އެއީ ހުއްދަ ކުރެވޭނެ ކަންކަމެއްވެސް ނޫންކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުން ވިޔަސް، އިސްލާމް ދީނަށް ފުރައްސާރަކުރުމާއި އިހާނެތިކޮށްހިތުން ހުއްދަކުރާ، ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނެއް، މުޢާހަދާއެއް ފެންނަން ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ކުރި ޓުއީޓް

ނައިބު ރައީސް ވިދާޅުވީ މިކަންކަމާ ދެކޮޅަށް އަޅަންޖެހޭ އެންމެމުހިންމު ފިޔަވަޅަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުންކަމަށެވެ. އެގޮތުން އިސްލާމީ ރިވެތި އަޚްލާޤާއި ސުލޫކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމާއި އެންމެހައި އުޅުންތަކާއި ގުޅުންތައް، އިސްލާމް ދީނުގެ އިމުގެ ތެރޭގައި ބައްޓަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އާކުރާއިރު، އިސްލާމް ދީން އިންސާނިއްޔަތަށް ގެނެސްދިން އެންމެ ބޮޑު ބަދަލުތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ބަދަލަކީ، ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅު ގޮތް އިޚްތިޔާރުކުރުމާއެކު އެކަކު އަނެކަކުގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުންކަން ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެންމެންގެ މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އިސްލާމް ދީނުގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށާއި އެކަމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން ދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.