ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: އިންޑިއާއާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދޭނަން - އަދީލް


ސެމީ ފައިނަލް މެޗުގައި ވަރުގަދަ އިންޑިއާއާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދޭން މަސައްކަތް ކުރާނެކަމަށް ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު އަޙްމަދު އަދީލް ބުނެފިއެވެ.

ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ އަންހެނުންގެ ވޮލީބޯޅަ އިވެންޓްގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެހެންކަމުން ސެމީ ފައިނަލުގައި މިއަދު ހަވީރު ރާއްޖެ ނުކުންނަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ އިންޑިއާއާ ދެކޮޅަށެއެވެ.

ސެމީ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޤައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު އަޙްމަދު އަދީލް ބުނީ، ސެމީ ފައިނަލުގައި ރާއްޖެއާއި ދެކޮޅަށް ނުކުންނަ އިންޑިއާ ޓީމަކީ ވަރުގަދަ ޓީމެއް ނަމަވެސް ވީ ވަރަކުން އިންޑިއާއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދޭން ޓީމު މަސައްކަތް ކުރާނެކަމަށެއެވެ. އަދީލް ބުނީ އިންޑިއާ ޓީމަކީ ދިވެހި ޓީމާ އަޅާ ބަލާއިރު ތަފާތު ޓީމެއް ކަމަށެއެވެ. އަދި ކުރިޔަށް އޮތް މެޗުގައި ބްލޮކް ކުރުން ރަނގަޅުކުރަން ޖެހޭކަން އަދީލް ފާހަގަކުރިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ސްރީ ލަންކާ އަތުން ބަލިވުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަދީލް ބުނީ، ތިން ވަނަ ސެޓު ފިޔަވައި ދެން ކުޅުނު ދެ ސެޓުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި، އުއްމީދުކުރި ވަރުގެ ފައިޓެއް ލަންކާ މެޗުގައި ދިން ކަމަށެވެ.

"ދެން އަޅުގަނޑުމެން މި ޖެހެނީ ސެމީ ފައިނަލުގައި އިންޑިއާ އާ. އެކަމަކު އަޅުގަނޑުމެން ވީ ވަރަކުން ހަމަ ފައިޓު ދޭނަން. އިންޑިއާއަކީ އަޅުގަނޑުމެންނާއި ބަލާފައި ތަފާތު ޓީމެއް. އަޅުގަނޑުމެން ދޫކުރާ ގޮތަކަށް ނޫން މި ތިބީކީ." އަދީލް ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މިއަދު ހަވީރު އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:15 ގައެވެ.