ކުޅިވަރު

ސައުތް އޭޝިއަން ގޭމްސް: ފިރިހެން ވޮލީ ޓީމު ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފި


ސައުތް އޭޝިއަން ގޭމްސްގެ ފިރިހެން ވޮލީބޯޅަ އިވެންޓްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ފިރިހެން ވޮލީބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރާއްޖެ މިއަދު ނުކުތީ ސްރީ ލަންކާއާއި ދެކޮޅަށެއެވެ. މި މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެއެވެ. މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-18، 25-23 އަދި 25-17 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ލަންކާއިން ފަސޭހަކަމާއެކު ކާމިޔާބުކުރި ނަމަވެސް ދެ ވަނަ ސެޓުގައި ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކައި ސެޓު ކާމިޔާބު ކުރުމާ ގާތަށް ޖެހިލާފަ އެވެ. ދެ ވަނަ ސެޓު 23-23 އިން އެއްވަރުވެފައިވަނިކޮށް ލަންކާއިން ސެޓު ކާމިޔާބުކުރީ ފަހު ދެ ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު ލަންކާއަށް މެޗު ކާމިޔާބުކުރެވުނު ސެޓު ގެންދިޔަ ޕޮއިންޓް ރެފްރީ ދިން ގޮތުން ރާއްޖޭގެ ޓީމުން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސައިފަ އެވެ.

ފުރަތަމަ ދެ ސެޓު ކާމިޔާބު ނުކުރެވުނު ނަމަވެސް ތިން ވަނަ ސެޓު ފަށައި ރާއްޖޭން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި ލީޑުގައި ހިފަހައްޓާނުލެވި އުޅެނިކޮށް ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓް ނިމުނުއިރު ލަންކާއިން ވަނީ 8-6 އިން ލީޑު ނަގައިފަ އެވެ. ސެޓުގައި ދެން ފެނުނީ ލަންކާއިން އިތުބާރާއެކު ކުޅެ ރާއްޖޭގެ މައްޗަށް ފަސޭހައިން ޕޮއިންޓް ކާމިޔާބުކުރަމުން ދިޔަތަނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ މެނޭޖަރ ޢަލީ އަޝްރަފް ބުނީ، ކުޅުންތެރިންގެ ކުޅުމަށް ބަލާފައި، މުބާރާތުގައި ޓީމު ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭކަމަށާއި، ލަންކާއާއި ޕާކިސްތާން ޓީމަކީ ރާއްޖެއާއި އަޅާ ބަލާއިރު ވަރުގަދަ ޓީމުތަކެއް ކަމަށެއެވެ. އަދި ޕާކިސްތާނާއި އެއްކޮށް އިއްޔެ މެޗު ކުޅުމަށްފަހު މި މެޗަށް ނުކުންނަން ޖެހުނީ އަނިޔާގެ ސަބަބުން ޓީމުގެ މުހިއްމު ކުޅުންތެރިޔަކާއި ނުލާކަމަށް އަޝްރަފް ވަނީ ބުނެފައެވެ.

" އަޅުގަނޑުމެން މި ލިބުނު ނަތީޖާއާއި ދޭތެރޭ ހިތްހަމަ ޖެހޭ އަސްލުގައި ކުޅުންތެރިންގެ ކުޅުމަށް ބަލާފައި. ދެން އަޅުގަނޑުމެން މި ކުޅުނު ޓީމު ތަކަކީ ޕާކިސްތާން އާއި ލަންކާއާއި އެޓީމު ތަކަކީ އަނެއްހެން ވަރަށް ތަފާތު ޓީމުތަކެއް. ހާއްސަކޮށް ޕާކިސްތާނަކީ ވަރަށް ތަފާތު ޓީމެއް. އިއްޔެ ޕާކިސްތާނާއި ކުޅެފައި މިއަދު އަނެއްކާ އަޅުގަނޑުމެންގެ މުހިއްމު އެއް ކުޅުންތެރިޔާއަށް އަނިޔާގެ ސަބަބުން ނުކުޅެވި ހުރެފައި އެހެން ކުޅުންތެރިއެއް ލައިގެން މި ކުޅުނީ ވެސް." މެނޭޖަރ އަޝްރަފް ބުންޏެއެވެ.

ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯޅައިގެ އިވެންޓް މިދިޔަ ބުދަ ދުވަހު ފެށިއިރު ރަސްމީކޮށް ގޭމްސް ފެށުން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. މި އަހަރުގެ ގޭމްސްގައި 27 ކުޅިވަރެއް އޮންނައިރު ރާއްޖޭން ވާދަކުރަނީ 11 ކުޅިވަރެއްގަ އެވެ.