ކުޅިވަރު

ރަންނަމާރި ޗެލެންޖު: މާސްޓާސް ކެޓަގަރީގެ ފައިނަލަށް އަޙްމަދު މިދްޝާމް


ޤައުމީ ޝޯޓްބޯޑް ރާޅާއެޅުމުގެ މުބާރާތް ރަންނަމާރި ޗެލެންޖުގެ މާސްޓަރސް ކެޓަގަރީގެ ފައިނަލުން އަޙްމަދު މިދްޝާމް ޖާގަހޯދައިފިއެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ރަންނަމާރި ޗެލެންޖުގެ މާސްޓާސް ކެޓަގަރީގެ ފައިނަލުން މިދްޝާމް ޖާގަހޯދީ މިއަދު ކުރިއަށްދިޔަ މާސްޓާސް ކެޓަގަރީގެ ސެމީ ފައިނަލުގައި މުޙައްމަދު އަގްލީންގެ މައްޗަށް ކުރިހޯދައިގެންނެވެ.

އަގްލީން އާއި މިދްޝާމް ވާދަކުރި ސެމީފައިނަލް ހީޓުން މިދްޝާމަށް ކުރިލިބުނީ 7.17 ޕޮއިންޓް ހޯދައިގެންނެވެ. ސެމީފައިނަލް ހީޓުގައި އަގްލީންނަށް ލިބުނީ 5.77 ޕޮއިންޓެވެ.

ފައިނަލް ހީޓުން އަޙްމަދު މިދްޝާމް ޖާގަހޯދިއިރު ފައިނަލްގައި އޭނާއާއި ދެކޮޅަށް ވާދަކުރަން ޖެހޭނީ ސެމީގެ ދެވަނަ ހީޓުގައި ޢަލީ ނިޔާޒާއި އަޒްލީން ނަސީމް ވާދަކޮށް ކުރިހޯދާ ރާޅާއެޅުންތެރިއެކެވެ.

ރަންނަމާރި ޗެލެންޖުގެ މާސްޓާސް ގެޓަގަރީއަކީ ސާޅީސް އަހަރުން މަތީގެ ރާޅާއެޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ ކެޓަގަރީއެކެވެ. މިފަހަރުގެ ރަންނަމާރި ޖެލެންޖުގެ މާސްޓާސް ކެޓަގަރީގައި 12 ރާޅާއެޅުންތެރިން ވާދަކުރިއެވެ.