ކުޅިވަރު

ސައުތް އޭޝިއަން ގޭމްސް: ސެމީ ފައިނަލުގައި ރާއްޖެ އިންޑިއާއާއި ދެކޮޅަށް


ނޭޕާލްގައި މިހާރު ކުރިޔަށްދާ 13ވަނަ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެނުންގެ ޤައުމީ ވޮލީބޯޅަ ޓީމު ސްރީ ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ސެމީ ފައިނަލުގައި އިންޑިއާއި ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ. މި މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެއެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ މައްޗަށް ލަންކާ ކުރި ހޯދީ 25 ޕޮއިންޓް 15 ޕޮއިންޓްއިންނެއެވެ. ނަމަވެސް ފުރަތަމަ ސެޓުގެ ކުރީކޮޅު ރާއްޖެއިންވަނީ ލަންކާއަށް ލީޑު ފުޅާކުރުމުގެ ފުރުސަތު ނުދީ ގާތްގާތުގައި ޕޮއިންޓް ހޯދާފައެވެ. ރާއްޖެއިން ވަނީ މެޗުގެ ފުރަތަމަ ސެޓުގެ 5 ވަނަ ޕޮއިންޓާ ހަމައިން ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ލަންކާއިން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ސެޓުގައި ރާއްޖެއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ 9ވަނަ ޕޮއިންޓާ ހިސާބުންނެއެވެ. އަދި އޭގެ ފަހުން 2 ޕޮއިންޓްގެ ލީޑެއްވެސް ރާއްޖެއިން ވަނީ ނަގާފައެވެ.

މެޗުގެ ދެވަނަ ސެޓުގައި ރާއްޖެ ޓީމުގެ ކުޅުން ފެނުނީ ފުރަތަމަ ސެޓަށް ވުރެއް ރަނގަޅުކޮށެއެވެ. ދެވަނަ ސެޓުން ރާއްޖެ ބަލިވީ 25 ޕޮއިންޓް 18 ޕޮއިންޓްއިންނެއެވެ. މެޗުގެ ދެވަނަ ސެޓުގައި ރާއްޖެއިން ވަނީ ލަންކާގެ މައްޗަށް 2 ޕޮއިންޓްގެ ލީޑެއްވެސް ނަގާފައެވެ. ނަމަވެސް ލީޑުގައި މާގިނައިރު ހިފަހައްޓާ ނުލެވެނީސް ލަންކާއިން ވަނީ އަލުން ރާއްޖޭގެ މައްޗަށް ލީޑު ނަގާ މެޗުގެ ނަތީޖާ ލަންކާ ކޮޅަށް އަނބުރާލާފައެވެ.

މެޗުގެ ތިންވަނަ ސެޓުގައި ރާއްޖެ ޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތްވަނީ ނުވެފައެވެ. އެގޮތުން ތިންވަނަ ސެޓުން ރާއްޖެ ބަލިވީ 25 ޕޮއިންޓް 14 ޕޮއިންޓްއިންނެއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ނުކުންނާނީ ގްރޫޕް އޭގެ އެއްވަނަ ޓީމު އިންޑިއާއާ ދެކޮޅަށެއެވެ. މި މެޗު ކުޅޭނީ މާދަމާ މެންދުރު ރާއްޖެ ގަޑިން 4:15 ގައެވެ.