ޚަބަރު

ޙައްޖަށް މީހުން ގެންދިޔުމަށް ބޭނުންވާ ކުންފުނިތަކައް ފުރުސަތު ހުޅުވާލަނީ


ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތައް ހޯދުމަށް އަންނަ ހަފްތާތެރޭ ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާތެރޭ ކުންފުނިތައް ހޯދުމަށް އިޢުލާން ކުރާނެކަމަށެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އެ މިނިސްޓްރީން ދުރާލައި ކުންފުނިތައް ހޯދުން ނިންމަވާފައިވަނީ، ހައްޖާ ގުޅުން ހުރި ކަންތައްތައް ކުންފުނިތަކަށް ދުރާލާ ހަމަޖެއްސޭނެ ގޮތް ހަދައިދުނުމުގެ މަޤުސަދުގައި ކަމަށެވެ. އަދި ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ދުރާލާ ކުރެވިއްޖެނަމަ ހައްޖަށް ގެންދިޔުމަށް އެފަރާތްތަކުން ކަނޑައަޅާ އަގު ކުޑަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިއހަރު ރާޢްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ހައްޖުކޯޕަރެޝަނާއެކު 6 ކުންފުންޏަކަށް ވަނީ ހުއްދަދީފައެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޙައްޖަށް ގެންދިޔުމަށް މިއަށްވުރެ އިތުރު ކުންފުނިތަކަށް ހުއްދަދިނުމުގެ ވިސްނުމެއް އަދި ނުގެންގުޅޭކަމަށާ، ނަމަވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކުންފުނިތަކުގެ ޢަދަދު ކަނޑައަޅާނެކަމަށެވެ.

ޙައްޖުގެ ކަންކަން ވީހާވެސް ލުއިފަސޭހަ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީންވަނީ ޙައްޖު ޕޯޓަލް އެއް ޤާއިމްކުރުމަށް ނިންމާފައެވެ. އަންނަ އަހަރު ޙައްޖުގެ މަސައްކަތް ފެށޭއިރު ހައްޖު ޕޯޓަލްގެ މަސައްކަތް ނިންމާލެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕޯޓަލަކީ ޙައްޖުގެ ކަންކަން ލުއިފަސޭހަކުރުމަށާއި ޙައްޖުވެރިންގެއަތުން އިތުރަށް ފައިސާ ނެގުމަށް ޙައްލެއް ގެނައުމަށް ޤާއިމްކުރާ ޕޯޓަލެކެވެ. އަދި މިޕޯޓަލް ޤާއިމްކުރުމަށްފަހު ޙައްޖަށްދާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރވާނީ އެޕޯޓަލްގައެވެ.

ޕޯޓަލްގެ ޒަރިއްޔާއިން ޙައްޖަށް ގެންދާ ޖަމާއަތްތަކުންދޭ ޚިދުމަތްތައް ފެންނަން ހުންނާނެކަމަށާ ޙައްޖުވެރިޔާ ބޭނުންވާ ޖަމާޢަތެއް އިޚްތިޔާރުކުރުމުގެ އިތުރުން ފައިސާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ޕޯޓަލަށްކަން އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ޙައްޖު ޕޯޓަލް ޤާއިމްކުރުމަށްފަހު ޖަމާޢަތްތަކަށް ކޯޓާ ދޫކުރާއިރު ކޯޓާއާއެކު ފައިސާއާއި މީހުންގެ ލިސްޓް ހަވާލުކުރާނެކަމަށްވެސް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.