ކުޅިވަރު

ބައިނަލްއަޤްވާމީ ޕަވަރ ބޯޓިން މުބާރާތެއް އަންނަ އާދިއްތަ ދުވަހު ރާއްޖޭގައި


ބައިނަލްއަޤްވާމީ ޕަވަރ ބޯޓް މުބާރާތެއް އަންނަ އާދިއްތަ ދުވަހު ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިތުރުން ޕަވަރ ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވިސް ގުޅިގެން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮންނަ ކުރީގެ ފަރުކޮޅުފުށި ރިސޯޓުގެ ފަޅުތެރޭގައެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ ބައިވެރިން މިހާރު ވަނީ ރާއްޖެ އައިސް އެންމެ ފަހުގެ ތައްޔާރީތަށް ފަށާފައެވެ. ސަރުކާރުގެ ކުޅިވަރުގު ސިޔާސަތުގެ ތެރެއިން މޫދު ކުޅިވަރު ކުރިއެރުވުމަށް ކުރިޔަށްގެންދާ މަސައްކަތުގެ ދަށުން ކުރިއަށްގެދާ މި މުބާރާތުގައި ދުނިޔޭގެ 7 ޤައުމަކުން 16 ޓީމެއް ވާދަކުރާނެއެވެ. އަދި ވިސިޓް މޯލްޑިވްސް ލޯގޯއާއެކު ރާއްޖޭގެ ޕަވަރ ބޯޓިން ޓީމެއްވެސް މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތާ ގުޅޭގޮތުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަޒްމީ ވިދާޅުވީ މިފަދަ "އެކްސްޓްރީމް ސްޕޯޓްސް" އިވެންޓުތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއްކަމަށާއި އެންމެފަހުން ލަންކާގައި ބޭއްވި ބޯޓިން މުބާރާތައް ފަހު ރާއްޖޭގައި މުބާރާތް ބާއްވަން މަސައްކަތްފެށި ކަމަށެވެ. އަދި މާލީގޮތުން ބަލާނަމަ މި ކުޅިވަރަކީ އަގުބޮޑު ކުޅިވަރަކަށް ވީނަމަވެސް މާލީ ނަފާހޯދޭނެ ކުޅިވަރެއް ކަމަށް އަޒްމީ ވިދާޅުވިއެވެ.

" މީ އެކްސްޓްރީމް ސްޕޯޓެއް ، ސަރުކާރުގެ ސިޔާސަތެއް މޫދުކުޅިވަރު ތަރައްގީ ކުރުން. އިކޮނޮމިކަލީ އަދި ޔޫތުންނަށް ވެސް މިއީ ރަނގަޅު ފުރުސަތެއް." އަޒްމީ ވިދާޅުވިއެވެ.

މުބާރާތުގައި ހަރަކާތްތެރިވާ އިސް އޮފިޝަލެއް ކަމަށްވާ އިނގިރޭސިވިލާތުގެ ޑޭވިޑް ބުނީ އޭނާ އަށް ރާއްޖޭގެ މާހައުލު ފެނި އާޝޯހް ވެއްޖެކަމަށާއި އޭނާއާއި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ބައިވެރިން ރާއްޖެއާއިމެދު ވަރަށް ގަޔާވެއްޖެ ކަމަށެވެ. އޭނާ ބުނީ އުންމީދަކީ ރާއްޖެފަދަ ހިތްގައިމު ތަނެއްގައި މިފަދަ ގިނަ މުބާރާތްތަކެއް ބޭއްވުންކަމަށެވެ.

" އަހަރެން މީގައި ބައިވެރިމިވަނީ ލިބުނު ދައުވަތަކަށް ، ރާއްޖޭގެ މި މޫސުމާ މޫދު މި އޮތް ގޮތާ ވައިޖެހޭ ގޮތާ، މުޅި މި މާހައުލު ފެނި އަހަރެން މިހުރީ ބުނާނެއެއްޗެއް ނޭގިފަ." ޑޭވިޑް ބުންޏެވެ.


މި އިވެންޓުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ހާޝިމް ވެސް ބައިވެރިވެއެވެ. ރާއްޖޭގެ ޕަވަރ ބޯޓް އެސޯސިއޭޝަންގެ ނާއިބު ރައީސްކަންވެސް ކުރައްވާ ޢަލީ ހާޝިމް (ސްމިތު) ވިދާޅުވީ، ދެމިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތައް މި މުބާރާތުގެ ސަބަބުން އިތުރު ހިތްވެރެއް ލިބިއްޖެ ކަމަށެވެ. އެހެންކަމުން މިފަދަ އިވެންޓްތަކުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުން ކަމަށް ޢަލީ ހާޝިމް ވިދާޅުވިއެވެ.

" 1.5 މިލިއަން ޓުއަރިސްޓުން ރާއްޖެއައިދުވަހުން މިނަސްޓަރ ވެސް ވިދާޅުވި ދެން އޮތީ 2 މިލިއަން ހަމަކުރުމޭ އެމަސައްކަތް އަޅުގަނޑުމެން މިކުރަނީ" ޢަލީ ހާޝިމް ވިދާޅުވިއެވެ.

މި މުބާރާތް ރާއްޖެގައި އިންތިޒާމު ކުރަނީ 2016 ވަނަ އަހަރު ރާއްޖޭގައި އުފެއްދި ޕަވަރ ބޯޓް އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަންގެ ރައީސް އިންތިފް ރައޫފް ވިދާޅުވީ ރާއްޖޭގައި މުބާރަތް ބޭއްވޭނެ ކަމުގެ ޔަގީންކަން ލިބުމުން 16 ބައިވެރިޔަކު ލަންކާގައި ޕަވަރ ބޯޓިންގެ ތަމްރީންތައް ހޯދިކަމަށެވެ.

" އަޅުގަނޑުމެން އިންޓަރނޭޝަނަލް ކޮންފަރެންސް ތަކުގައި ބައިވެރިވުމުން ރާއްޖޭގައި މިކަން ކުރަން ވިސްނުން އައި، އެހެންވެ އެކަމުގެ މަސައްކަތް ފެށީ." އިންތިފް ވިދާޅުވިއެވެ.

އެންމެ ފަހުން ލަންކާގައި ބޭއްވި ޕަވަރބޯޓިން މުބާތުގައި ރާއްޖޭން ވަނީ ހަތަރުވަނަ ހޯދާފައެވެ. މިއީ ޕަވަބޯޓިން މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.