ޚަބަރު

ރައީސް ޔާމީންގެ ސިއްޙީ ޙާލަތު ދެނެގަތުމަށް އައިޖީއެމްއެޗަށް ގެންގޮސްފި


މަނީލޯންޑަރ ކުރުމުގެ ކުށުގައި 5 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސިއްޙީ ޙާލަތު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ ޖަލު ހުކުމް ތަންފީޒުކުރާ މީހުން ޖަލަށް ގެންދިއުމާއެކު، އެމީހުންގެ ސިއްޙީ ޙާލަތު ދެނެގަތުމަށް ޓެސްޓްހެދުމަކީ ޢާންމު އުސޫލުގެ ދަށުން ކުރާކަމެއްކަމަށެވެ. ރައީސް ޔާމިންވެސް ހޮސްޕިޓަލަށް ގެންދިޔައީ އެގޮތުގެ މަތީން ކަމަށާ، އެއީ ޔާމީންގެ ސިއްޙީ ވަކި މައްސަލައެއް ދިމާވެގެން ފަރުވާހޯދަން ގެންދިޔަ ގެންދިއުމެއް ނޫންކަމަށެވެ.

ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރައްވަން ފެށްޓެވީ މާލޭ ޖަލުގައި ބަހައްޓައިގެންނެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ އެހެން ގައިދީންނާ ވަކިން، ޚާއްސަ ތަނެއްގައި ކަމެއް އަދި ސާފުވާ ގޮތެއްނުވެއެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ ފަސް ގާޟީންގެ ބެންޗުގެ އިއްތިފާގުންނެވެ. ޖަލަށްލުމުގެ އިތުރުން 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސްކޮށްފައެވެ.