ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ޓީޓީ ޓީމު ނޭޕާލަށް ފުރައިފި


ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ޓޭބަލް ޓެނިސް ޓީމު ނޭޕާލަށް ފުރައިފިއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ފުރިހަމަ ކާމިޔާބެއް ހޯދި ޤައުމީ ޓީޓީ ޓީމު ނޭޕާލަށް ފުރުމުގެ ކުރިން ޓީމަށް ހިތްވަރުދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމާއި ޓޭބަލް ޓެނިސް އެސޯސިއެޝަންގެ އިސްވެރިންނެވެ.

ގޭމްސް އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އިސްމާޢީލް ޝުޖާއު ވިދާޅުވީ، މިފަހަރުގެ ގޭމްސްގައި ވެސް އަންހެނުންގެ ޓީޓީ ޓީމާއިމެދު ކުރެވޭ އުންމީދު ބޮޑު ނަމަވެސް ރަން މެޑަލަށް ޓާގެޓް ކުރާއިރު ސަރަޙައްދީ ގަދަ ބާރު އިންޑިއާ އޮތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ. އެހެންކަމުން މިފަހަރު އަންހެނުންގެ ޓީމުން އަމާޒު ހިފާފައިވަނީ ރިހި މެޑަލަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މިފަހަރު ގޭމްސްގައި އަޅުގަނޑުމެންގެ އަންހެން ޓީމު ރިހި މެޑަލަށް މި އަމާޒު ހިފަނީ، އެއީ ރަން މެޑަލަށް ފައިޓް ކުރަން ބަލާއިރު މިސަރަހައްދުގަ އެންމެ ވަރުގަދަ އިންޑިއާ އެބައޮތް، އަނެއްކޮޅުން ފިރިހެން ޓިމުވެސް މެޑަލެއް އަޅާނެކަމަށް ވަރަށް އުންމީދުކުރެވޭ. ވަރަށް ރަނގަޅަށް ތައްޔާރުވެގެން ދެޓީމުވެސް މިދަނީ." ޝުޖާއު ބުންޏެވެ.

ޝުޖާއު ވިދާޅުވީ ފިރިހެން ކެޓަގަރީއަށް ބަލާއިރު ސަރަހައްދުގެ އެހެން ގައުމުތަކުގެ ކުޅުން އެހާބޮޑަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް މެޑަލެއް ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން މުބާރާތަށް ފިރިހެނުންގެ ޓީޓީ ޓީމުވެސް ހިތްހަމަޖެހޭވަރަށް ތައްޔާރުވެފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.