ޚަބަރު

ދީނުގެ ނަމުގައި ފަތުރާ، ދީނާ ޚިލާފު ފިކުރުތަކުގެ ނުރައްކާ ބޮޑު - ޚުތުބާ


އިސްލާމް ދީނަށް ނިސްބަތްވާ ބަޔަކު ދީނުގެ ނަމުގައި ފަތުރާ ދީނާ ޚިލާފު ފިކުރުތަކާއި މަޢުލޫމާތުގެ ނުރައްކާތެރިކަން ދިވެހި މުޖުތަމަޢުގައި ބޮޑުވެފައިވާކަމަށާ، މިފަދަ ކަންކަމުން އެއްކިބާވުމަށް ހުކުރު ޚުތުބާގައި ގޮވާލައްވަފިއެވެ.

ރާއްޖެއަށް އިސްލާމްކަމުގެ ހިދާޔަތު ލިބުމަކީ، ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތްކަމަށް ހުކުރު ޚުތުބާގައި ވަނީ ސިފަކޮށްފައެވެ. މި ނިޢުމަތަށް ރައްކާތެރިވެ މިދީނުގައި ހިފަހައްޓައި ދީނުގެ މަތީ ސާބިތުވެ، ދީން ދިފާޢުކުރުމަށްޓަކައި އަތުކުރި އޮޅާލުމަށް ޚުތުބާގައިވަނީ ގޮވާލައްވާފައެވެ.

ޚުތުބާގައިވަނީ، އިސްލާމްދީނުގެ ހިދާޔަތް ފޯރުކޮށްދިނުމައްޓަކައި ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ އާލު އަސްޙާބުން ވެވަޑައިގެންނަވާފައިވާ ޤުރުބާނީގެ މަތިން ހަނދާން އާކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން މި މަސައްކަތުގައި ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް، ފުރާނައަށް ބެލުމެއްނެތި އިސްލާމްދީންގެ މަތީގައި ދެމިތިބިކަން ޚުތުބާގައިވަނީ ފާހަގަކުރައްވާފައެވެ. ހުކުރ ޚުތުބާގައިވަނީ ރާއްޖެ އިސްލާމް ދީން މަތީގައި ދެމި އޮތުމުން ރާއްޖެއަށް ކަޅިއަޅާ ޤައުމުތަކެއް އޮތްކަން ފާހަގަކުރައްވާފައެވެ.

"ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާން" މި މަޢުޟޫއަށް ދެއްވި ޚުޠުބާގައިވަނީ، އިސްލާމް ދީނަށް ނިސްބަތްވާ ބަޔަކު ދީނުގެނަމުގައި ފަތުރާ ދީނާ ޚިލާފު ފިކުރުތަކާއި، މަޢުލޫމާތުގެ ނުރައްކާތެރިކަން ދިވެހި މުޖުތަމަޢުގައި ބޮޑުވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. މިފަދަ ފަރާތްތަކަކީ މިމީހުން ޤަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބާނުވާ ކޮންމެ މީހަކީ ކާފަރެއް ކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރާބައެއްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ މީހުންގެ ފިކުރުތަކަށް ޢަމަލުނުކުރާ ސަރުކާރާއި ސަރުކާރުގެ މުވައްޒަފުންނަކީ ކާފަރުން ކަމުގައި ނިންމައި، މިނުބައި ނިންމުންތަކުގެ ސަބަބުން އެޤައުމުގެ މީހުންގެ މުދާ ފޭރުމާއި، މެރުން ހުއްދަ ކުރެއެވެ. މިފަދަ މީހުން އެހެން މީހުންނާ މުޅިން ވަކިވެގަން އުޅޭކަން ހުކުރު ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

" މިބައި މީހުން ޤަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބަޢަނުވާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރެއެވެ. އެ ފިކުރުތަކަށް ޢަމަލު ނުކުރާ ސަރުކާރަކީ، ޠާޣޫތު ކަމުގައި ނިއްމަ އެވެ. އަދި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމައި، އެ މީހުންގެ ފަހަތުގައި ނަމާދު ކުރުން ހުއްޓާލަ އެވެ. އެ މީހުން ދިރިއުޅޭ ބިމަކީ ދާރުލް ކުފުރު ކަމުގައި ނިންމައެވެ. މި ނުބައި ނިންމުންތަކުގެ ސަބަބުން އެ ޤައުމުގެ މީހުންގެ މުދާ ފޭރުމާއި، މެރުން ހުއްދަ ކުރެ އެވެ. މި ވަރުން ނިމުނީ އަކީ އެއް ނޫނެވެ. މިފަދަ މީހުން އެހެން މީހުންނާ މުޅިން ވަކިވެގަނެ އެވެ. އެހެން މީހެއްގެ ސަލާމަށް ޖަވާބެއް ނުދެ އެވެ. ވަރިކާވަނީގެ މުޢާމަލާތްތައް ގިނައިން ކޮށް އުޅެނީ އެ މީހުންގެ މީހުންނާ އެކަންޏެވެ." ޚުތުބާގައި ގޮވާލައްވާފައިވެއެވެ.

ހުކުރު ޚުތުބާގައިވަނީ ސައްޙަ ހާލާލް ކައިވެނީގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ޝަރުޢީ ހަމަތަކުގެ މަތީން ކޯޓުތަކުގައި ޤާޒީންގެ ކުރިމަތީ ކައިވެނި ކުރުމަކީ މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މުހިންމުކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. މިފަދަ ގޮތަކާ ޚިލާފަށްކުރާ ކައިވެނިތަކުގައި ލިބޭ ދަރިންނަށް ބިކަވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސިއްޙީ ޚިދުމަތްތަކާއި ތަޢުލީމް ފަދަ އަސާސީ ޒަރޫރީ ޚިދުމަތްތަކުން މި ފަދަ ނިންމުންތަކުގެ ސަބަބުން މަޙްރޫމްވާންޖެހޭކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.