ޚަބަރު

ދިވެހިރާއްޖެ އިސްލާމްވިތާ 893 އަހަރު


ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ އަލިން މުޅިރާއްޖެ އަލިވީ ދުވަހުގެ ގޮތުގައެވެ. ހިޖުރައިން 548ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހަކީ ފުރަތަމަ ފަހަރަށް ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު މިދީބުގައި ގުގުމާލި ދުވަހެވެ.

ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153ވަނަ އަހަރުއެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވުމުގައި މެދުވެރިއަކަށްވީ ބޭކަލަކީ މަޣުރިބުކަރައިން ވަޑައިގަތް ބޭކަލެއް ކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.

ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރެވެނީ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ. އޭރު ރާއްޖޭގައި ޤަބޫލުކުރަމުން އައީ ބުދު ދީނެވެ. ރަސްކަމުގައި ހުންނެވީ ސްރީ ބަވަނާދީއްތަ، މަހާރަދުންނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު މި ރަސްގެފާނު ނަންފުޅު މުޙައްމަދު ބުނި ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ނަންފުޅަށް ބަދަލުކުރެއްވިއެވެ. ދިވެހިންގެ ތެރޭގައި މިރަސްގެފާނު މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ތާރީޚުން އެނެގެން އޮންނަ ގޮތުގައި ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ރަސްމީގޮތުން ފާހަގަކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ މީލާދީން 1374 ވަނަ އަހަރުއެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ މިހަރު މިވަނީ 8 ޤަރުނުފާއިތުވެފައެވެ. ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ. އަދި 10 ވަނަ މާއްދާގެ (ހ)ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެސް ޤާނޫނުގެ އަސާސީގެ އެމާއްދާގައިވެއެވެ.

ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 893 އަހަރު ފާއިތުވެގެންދާއިރު ވިސްނާލަންޖެހޭ ގިނަކަންތައްތަކެއް އެބަހުއްޓެވެ. ދީނީ ކަންކަމަށް ސަމާލުކަންދެވޭ މިންވަރާއި ދީނާދެކޮޅަށް ކުރެވެމުންދާ ފިކުރީ ހަނގުރާމައިން ކުރަމުންދާ ނޭދެވޭ އަސަރެވެ. ދީނާއި މެދުގައި ދިވެހިންގެ ހިތުގައި އޮތް ލޯތްބެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވެމުންދާއިރު މި ޤައުމުގެ މިނިވަންކަމާއި ސުލްޙަމަސަލަސް ކަމާއި އެއްބައިވަންތަކަމުގެ އަސްލަކީ އިސްލާމްދީންކަން ޤަބޫލުކުރަންޖެހެއެވެ. އިސްލާމްދީނަކީ މިފަދަ އެންމެހައި ސިފަތަކުގެ މައްޗަށް ފުރިހަމަވެފައި އޮތް މާތްވެގެންވާ ދީނެކެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވޭ މިދަނޑިވަޅުގައި ހަނދާނަށް ގެންނަންޖެހޭ އެއްކަމަކީ ދީނީ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ބައެއް ދިވެހިންގެ މެދުގައި ބައިބައިވުން އުފެދިފައިވާކަމެވެ. އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ލޯތްބާއި ޤަދަރުކުޑަކޮށް، އެ ދީނާމެދު ނަފްރަތު އުފެއްދުމަށްވެސް ބަޔަކު މަސައްކަތްކުރާކަން ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން އެފަދަ މީހުންގެ ނުރައްކާތެރި މަޅިތަކުން ސަލާމަތްވުމަށްޓަކައި ދީނީ ޢަޤީދާ ވަރުގަދަކޮށް އީމާންކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސަކަށްވެސް މުހިންމުކަމެކެވެ.

ހަމައެހެންމެ ރާއްޖޭގެ ދީން ބަދަލުކޮށްލުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތްކުރި އިރުވެސް އެކަން ކާމިޔާބުވެފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ. މުސްލިމުންގެ ލެއިން ދިވެހި ކަނޑުތައް ރަތްކޮށްލި ޕޯޗުގީޒުންގެ އަނިޔާވެރި ދުވަސްވަރުވެސް ދިވެހިން ސާބިތުވެތިބީ އިސްލާމްދީންމަތީގައެވެ. އެދުވަސްވަރު ދިވެހިންގެ ކަރަށް ގަދަކަމުން ރާއަޅަން މަސައްކަތްކުރުމުންވެސް އެކަމާ އިންކާރުކޮށް، އިސްލާމްދީނުގެ ޢަޤީދާގައި ސާބިތުވެތިބިކަން ތާޜީޚުން އެނގެން އެބައޮތެވެ. މިއީ އިސްލާމީ އަޤީދާގައި ދިވެހިން ދެމިތިބޭނެ ކަމުގެ ސާފު ހެކިތަކެކެވެ.

ހަމައެހެންމެ އިސްލާމްދީން ދިފާޢުކުރުމަށްޓަކައި ދިވެހި ކާބަފައިން ކުރައްވާފައިވާ ޖިހާދުތަކުގެ މަތީން ހަނދާން އާކޮށް ޢިބުރަތް ލިބިގަންނަންޖެހެއެވެ. ޤައުމާއި ދީނަށްޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާތައް އައު ކުރަންޖެހެއެވެ.

އިސްލާމްދީނުގެ ވަހުދަތު ދެމެހެއްޓެވުމަށްޓަކައި ދޮންބަންޑާރައިންނާއި އަލިރަސްގެފާނާއި ޝަހީދު ޙުސައިން އާދަމް ފަދަ ލީޑަރުން ވެވަޑައިގެންނެވި ޤުރުބާނީން މިއަދުގެ ޒުވާނުން ހިތްވަރު ލިބިގަންނަންޖެހެއެވެ. މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމަށް ލޮޅުމެއް އަންނަ ކޮންމެ ހިނދެއްގައި ފަސްޖެހުމެއްނެތި ޤައުމާއި ދީނަށްޓަކައި ކެރިގެން ތެދުވާންޖެހެއެވެ. އަމާނާތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން ވާރުތަކުރެއްވި އިސްލާމްދީނާއި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ.

ކޮންމެ އަހަރެއްގައިވެސް ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދއެވެ. މިގޮތުން މިއަހަރުވެސް އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ގުޅީގެން ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައވެ. މިދުވަހާ ގުޅިގެން އިސްލާމިކް ފެއަރ، ކުޑަކުދިންގެ ހަވީރަކާއި ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.