ދުނިޔެ

އެމެރިކާއިން އައު އަސްކަރީ ސްޓްރެޓެޖީއެއް އެކުލަވާލައިފި

ޗައިނާއާއި ރަޝިޔާގެ ކުރިއަރަމުން އަންނަ އަސްކަރީ ޓެކްނޮލޮޖީއާ އަދި އެދެގައުމުގެ ސާބިތު ސިޔާސަތުތަކާ ކުރިމަތިލުމަށްޓަކައި އެމެރިކާ އައު އަސްކަރީ ސްޓްރެޓެޖީއެއް އެކުލަވާލައިފިއެވެ.އެމެރިކާ މަޝްހޫރު މަޖައްލާއެއްކަމަށްވާ ފޮރިން ޕޮލިސީ ބުނާގޮތުން އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީގެ ބެއްލެވުމުގެ ދަށުން މިއައު ސްޓްރެޓެޖީ އެކުލަވާލީ ހަލުއިކަމާއެކު ކުރިއަރަމުންދާ ރަޝިޔާއާއި ޗައިނާގެ އަސްކަރީ ޓެކްނޮލޮޖީގެ ކުރިމަތީގައި އެމެރިކާ އަސްކަރީ ބާރުތައް ކަންފަތިވެދާނެ ކަމުގެ  އިޙްސާސް ކުރެވިގެންނެވެ.ފޮރިން ޕޮލިސީ މަޖައްލާ ބުނާގޮތުން ޔުކްރޭންގެ މައްސަލާގައި ރަޝިޔާ ދައްކާލި އާދަޔާ ޚިލާފު ހަރުކަށިކަމާ އަދި ދެކުނު ޗައިނާ ކަނޑުގައިވާ ޗައިނާގެ މަސްލަހަތުތައް ޙިމާޔަތް ކުރުމުގައި އެމެރިކާގެ ރަޙްމަތްތެރި ގައުމުތައް ކަމަށްވާ ޖަޕާނާއި ވިއެޓްނާމާ އަދި ފިލިޕީންސްގެ ކުރިމަތީގައި ޗައިނާ ދައްކަމުން ގެންދާ ހަރުކަށިކަމުގެ ސަބަބުން އެމެރިކާވަނީ ވަރަށް ބޮޑަށް ހައިރާންވެ މާޔޫސްވެފައެވެ.ބައިނަލްއަގްވާމީ މައްސަލަތަކުގައި އެމެރިކާ ގެންގުޅޭފަދަ ހަރުކަށި އަދި އަތްގަދަ ކުރުމުގެ ސިޔާސަތުތަކެއް މިދެގައުމު ކުރިން  ނުގެންގުޅޭއިރު މިދެ މައްސަލާގައި ޗައިނާއާއި ރަޝިޔާގެ ސާބިތުކަން ފެނުމުން މުޅިން އައު ސްޓްރެޓެޖީއެއް ބިނާކޮށްގެން މެނުވީ މިދެގައުމުގެ ބާރުވެރިކަމާ ކުރިމަތިނުލެވޭނެކަމަށް އެމެރިކާ ވަނީ ނިންމާފައެވެ.ފޮރިން ޕޮލިސީ މަޖައްލާ ބުނާގޮތުން ރަޝިޔާއާއި ޗައިނާ ގެންދަނީ އދ. ގެ ސަލާމަތީ  މަޖިލީހުގައިވެސް އެމެރިކާގެ މޫނަށް ކުޑަކޮށްވެސް ބަލާލުމެއްނެތި ވީޓޯކުރަންޖެހުނު ކޮންމެ ފަހަރަކު ވީޓޯކޮށް އެދެގައުމުގެ ބާރުވެރިކަން ދައްކައި ބޭނުންވާކޮންމެ ކަމެއް ކުރަމުންނެވެ. އެމެރިކާގެ ކުރިމަތީގައި މިދެގައުމު ބާރުދައްކައި އެމެރިކާއަށް ގޮންޖަހަމުން ގެންދަނީ މެދުއިރުމައްޗާއި ލެޓިން އެމެރިކާއާއި އޭޝިޔާގައި އެމެރިކާގެ ބާރާއި ނުފޫޒު ވަރަށްބޮޑަށް ހީނަރުވެގެން ދިޔުމާއި އައިއެސް ޖަމާއަތްފަދަ ހަރުކަށި ޖަމާއަތްތަކުގެ ކުރިމަތީގައި އެމެރިކާ ފަހަތަށްޖެހެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުންކަމަށްވެސް މިމަޖައްލާބުނެއެވެ.އެމެރިކާގެ އަސްކަރީ އައު ސްޓްރެޓެޖީގެ ބޭނުމަކީ ޗައިނާއާއި ރަޝިޔާގެ އަސްކަރީ ބާރުވެރިކަމާއި އެދެގައުމުގެ ޖެހިލުންކުޑަ ސިޔާސަތުތަކުގެ ކުރިމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ކަންފަތިވެގެން ދިޔުމުން ސަލާމަތް ކުރުމެވެ.އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ރޮބަޓް ވޯކް ދާދިފަހުންވަނީ ޗައިނާއިން އަސްކަރީ ޓެކްނޮލޮޖީ ތަރައްގީ ކުރަމުން ގެންދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ވޯކް ވިދާޅުވީ ރާޑަރަށް ނާރާ މަތިން ދާ ބޯޓުތަކާއި ޖާސޫސީ ޑްރޯން ބޯޓުތަކާ އަދި ރޮކެޓް އުފެއްދުމުގެ ސިނާއަތުގައި އެމެރިކާ އާއި ޗައިނާއާ ދެމެދުގައިވާ "ގެޕް" ވަރަށް ހަލުއިމިނެއްގައި ޗައިނާ ބައްދަމުންދާކަމަށެވެ. އަދި ޗައިނާ އިން އިލެކްޓްރޯނިކް ހަނގުރާމައިގެ ޓެކްނޮލޮޖީ ތަރައްގީ ކުރަމުންދަނީ ކަންބޮޑުވާ މިންވަރަކަށްކަމަށާއި އެކަމާބެހޭ ރީސާޗްތަކަށް ކުރާ ޚަރަދުތައްވެސް ޗައިނާއިން ހާމަނުކުރާކަމަށް ވިދާޅުވެ އެމެރިކާގެ ދިފާއީ ވަޒީރުގެ ނައިބު ވަނީ ކަންބޮޑުވެ ވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.