ޚަބަރު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްކޮޅު ދަތުރަށް 750 ރުފިޔާ


ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެއްކޮޅު ދަތުރަށް 750 ރުފިޔާ ހަމަޖައްސައިފިއެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަނީ އަންނަ އާދިއްތަ ދުވަހު އެ އެއަރޕޯޓަށް ދަތުރުތައްފެށުމަށް ތައްޔާރުވަމުންނެވެ. އަދި ހަމައެދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މާފަރު އެއަރޕޯޓުން ފަށާނެކަމަށްވެސް މޯލްޑިވިއަންއިން މަޢުލޫމާތުދެއެވެ.

އާބޫދާބީ ފަންޑުން ހަދިޔާކުރި 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި 2200 މީޓަރު އަދި ފުޅާ މިނުގައި 40 މީޓަރު ހުރެއެވެ. މާފަރު ރަންވޭގެ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ. އަދި އިންޓަރނޭޝަލް ދަތުރުތަކަށް ރަންވޭ ޓެސްޓް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ކުރިއަށްގެންގޮސްފައެވެ.

ވައިގެ އުދުހުމުގައި ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާބޯޓުކަމަށްވާ، އޭ ތްރީ އެއިޓީ މަރުކައިގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް މާފަރު އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ދާދިފަހުން ވަނީ ނިންމާފައެވެ. އަދި އެކަމަށް ބޭނުންވާ އީ.އައި.އޭގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ.