ޚަބަރު

ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް


ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މިހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކރުު ދުވަހާއި ހޮނިހިރު ދުވަހުގައެވެ. މިގޮތުން ހުކުރު ދުވަހުގެ ހަވީރު 16:00އިން 17:45އަށް އިސްލާމިކް ފެއަރ އަކާއި ކުޑަކުދިންގެ ހަވީރެއް އިސްލާމީ މަރުކަޒު ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހޮނިހިރު ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި 20:30ގައި ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެނަލް ޑިސްކަޝަންގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢާލީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް ޢާޚިރުމަހުގެ ދެވަނަ ދުވަހުކަމަށް ތާރީޚީ ލިއުއްވުންތަކުގައި ވެއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ ހިޖުރައިން 1374 ވަނަ އަހަރުއެވެ.