ކުޅިވަރު

ލަންކާއާ ދެކޮޅަށް "ސަޕްރައިޒިން" ނަތީޖާއެއް ނެރެވިދާނެ - ޤައުމީ ވޮލީ ކޯޗު


ޕާކިސްތާނު އަތުން ބަލިވި ނަމަވެސް، ސްރީ ލަންކާ މެޗުގައި ޙައިރާންކުރުވަނިވި ނަތީޖާއެއް ނެރެވިދާނެކަމަށް ޤައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މިލޮރަޑް ކިޔާޗް ބުނެފިއެވެ.

ނޭޕާލްގައި މިހާރު ކުރިޔަށްދާ 13ވަނަ ސައުތް އޭޝިއަން ގޭމްސްގެ ވޮލީބޯޅައިގެ ފިރިހެނުންގެ އިވެންޓްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނުއަތުން ސީދާ ތިން ސެޓުން ވަނީ ބަލިވެފައެވެ. މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ރާއްޖެއަށް ލިބެން އަންނަނީ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މާދަމާ ސްރީ ލަންކާގެ މައްޗަށް ކުރި ހޯދައިގެންނެއެވެ.

ޕާކިސްތާނު އަތުން ސީދާ ތިން ސެޓުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޤައުމީ ވޮލީބޯޅަ ޓީމުގެ، ކޯޗު މިލޮރަޑް ކިޔާޗް ބުނީ، ޕާކިސްތާނު ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާ، ނަމަވެސް މިމެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަ ނުޖެހޭކަމަށެއެވެ. ކޯޗު ބުނީ މެޗުގެ ފުރަތަމަ ސެޓުގައި ތަފާތު ބޮޑުކޮށް ޕާކިސްތާނު މޮޅުވިނަމަވެސް، ދެވަނަ ސެޓު ކާމިޔާބުކުރަން ރާއްޖެއަށް ފުރުސަތު ލިބި، އޭގެ ބޭނުން ނުހިފުނީކަމަށެއެވެ.

މުބާރާތުގައި އިތުރަށް ރާއްޖެއަށް ކުރިޔަށް ދެވެންއޮތީ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މާދަމާ ސްރީ ލަންކާ ބަލިކޮށްގެންނެއެވެ. މި މެޗަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ކޯޗުބުނީ، ސްރީ ލަންކާ މެޗަކީ ރާއްޖެއަށް ފައިނަލް މެޗެއް ކަހަލަ މެޗެއް ކަމަށާއި، މި މެޗުގައި ރާއްޖެ ޓީމުގެ ކުޅުންތެރިން ސަތޭކަ ޕަސެންޓް ދައްކައިފިނަމަ ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެވިދާނެ ކަމަށެއެވެ.

"ޕާކިސްތާން ޓީމަކީ ވަރުގަދަ ޓީމެއް. ފުރަތަމަ ސެޓުގައި ވަރަށް ތަފާތުކޮށް ފެނުނީ. ދެން ދެވަނަ ސެޓު 23 ޕޮއިންޓް 23 ޕޮއިންޓާއި އެއްވަރުކޮށް ދެވަނަ ސެޓު ކާމިޔާބުކުރަންވެސް ފުރުސަތު ލިބުން ރާއްޖެއަށް. ދެވަނަ ސެޓު ނިމުނު ހިސާބުން ކުޅުންތެރިން ވަރުބަލި ވެއްޖެ. ދެން މާދަމާ ލަންކާ މެޗު ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން. ކުޅުންތެރިން މަސައްކަތްކޮށްފި ނަމަ އެކަން ވެދާނެ". ކޯޗު ބުންޏެއެވެ.

ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭއިރު ސެމީ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މެޗުން ބަލިވުމުން، ސެމީ ފައިނަލަށް ދިއުމަށް ރާއްޖެ އަށް މިވަނީ ދެ ވަނަ މެޗުން ސްރީ ލަންކާ ބަލިކުރަން މަޖުބޫރުވެފައެވެ. ލަންކާ އަކީ ވެސް ރާއްޖެއާ ބަލާއިރު ވަރުގަދަ ޓީމެކެވެ. ލަންކާއިންވަނީ މިދިޔަ އޮގަސްޓް މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ ތިން މެޗުން ވެސް ރާއްޖެ ބަލިކޮށްފައެވެ.