ކުޅިވަރު

ސައުތް އޭޝިއަން ގޭމްސް: އިންޑިއާ ވަކިވުމުން ފުޓްބޯޅަ އިވެންޓް ލީގު އުސޫލަށް ބަދަލުކޮށްފި


ޑިސެމްބަރ އެކެއްގައި ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން، މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން ކުރި މުބާރާތް ކުރިޔަށްގެންދިޔުމަށް ނިންމާފައި އޮތީ ގްރޫޕް ސްޓޭޖު މެޗުތައް ކުޅުމަށްފަހު، ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެއެވެ. ނަމަވެސް މުބާރާތުގެ ފިރިހެން ފުޓްބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން ދެން ފުޓްބޯޅަ އިވެންޓް ކުރިޔަށްދާނީ ލީގު އުސޫލުންނެއެވެ.

ފަސް ޤައުމާއެކު ކުރިއަށްގެންދާ ލީގު ބުރަށް ފަހު ފައިނަލަށް ހޮވޭނީ އެންމެ ކުރި ހޯދާ ދެ ގައުމެވެ. އިންޑިއާ ވަކިވުމުން ދެން މުބާރާތުގައި ވާދަކުރާނީ ދިވެހިރާއްޖެ، ބަންގްލަދޭޝް، ސްރީ ލަންކާ، ބޫޓާން އަދި މުބާރާތް ބާއްވާ ޤައުމު ނޭޕާލް އެވެ.

މިހާރު އާއްމުކޮށްފައިވާ ޝެޑިއުލުގައި ވާގޮތުން ކޮންމެ ޤައުމެއް ކޮންމެ ޤައުމަކާ ވާދަކުރާ ގޮތަށް ލީގު ބުރު ކުރިއަށްދާނީ ޑިސެމްބަރު ދެ ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު އަށް ވަނަ ދުވަހާއި ހަމައަށެވެ. ލީގު ބުރުން އެންމެ ކުރި ހޯދާ ދެ ޤައުމުގެ މެދުގައި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހު އެވެ.

ލީގު ބުރުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރ މަހުގެ ދެވަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާއި ދެކޮޅަށެއެވެ. ދެވަނަ މެޗުގައި ޑިސެމްބަރ މަހުގެ ތިންވަނަ ދުވަހު ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނައިރު، ތިން ވަނަ މެޗުގައި ބޫޓާން އާއި ދެކޮޅަށް ނުކުންނާނީ ޑިސެމްބަރ ފަސް ވަނަ ދުވަހުއެވެ. އަދި ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ޑިސެމްބަރ މަހުގެ ހަވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލް އާއި ދެކޮޅަށެއެވެ.

މިފަހަރުގެ ގޭމްސްގައި ވާދަކުރާ 23 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެއެވެ. މުބާރާތުގެ މެޗުތައް ކުރިޔަށްދާނީ ނޭޕާލުގެ ކަތުމަންޑޫގެ ދަސާރާތު ސްޓޭޑިއަމްގަ އެވެ.