ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ވޮލީ ފުރަތަމަ މެޗުން ޕާކިސްތާން އަތުން ރާއްޖެ ބަލިވެއްޖެ


ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ވޮލީ އިވެންޓްގައި ވަރުގަދަ ޕާކިސްތާން އަތުން ދިވެހިރާއްޖެ ބަލިވެއްޖެއެވެ. މި މެޗުން ރާއްޖެ ބަލިވީ ސީދާ 3 ސެޓުންނެއެވެ.

މެޗުގެ ފުރަތަމަ ސެޓު ޕާކިސްތާނުން ގެންދިޔައީ 25 ޕޮއިންޓް 16 ޕޮއިންޓުންނެއެވެ. ފުރަތަމަ ސެޓުގެ ކުރީކޮޅު ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ 5 ވަނަ ޕޮއިންޓުން ދިވެހި ޓީމުން ލީޑު ނަގާފައިވެއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ޕާކިސްތާނުން ވަނީ އަލުން ލީޑު ނަގާފައެވެ.

މެޗުގެ ދެވަނަ ސެޓުގައި ރާއްޖެ ފެނިގެންދިޔައީ ފުރަތަމަ ސެޓަށްވުރެ ވަރުގަދަކޮށެއެވެ. މެޗުގެ ފުރަތަމަ ސެޓު 9 ޕޮއިންޓްގެ ތަފާތަކުން ޕާކިސްތާނުން ގެންދިޔަނަމަވެސް ދެވަނަ ސެޓުގައި ރާއްޖޭގެ މައްޗަށް ޕާކިސްތާނަށް ކުރި ހޯދުނީ 2 ޕޮއިންޓްގެ ތަފާތަކުންނެއެވެ. އެއީ 25 ޕޮއިންޓް 23 ޕޮއިންޓުންނެއެވެ. މެޗުގެ ފުރަތަމަ ސެޓަށް ވުރެ ދެވަނަ ސެޓުގައި ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކާ، ސްކޯރ ކައިރިކައިރީގައި ހިފަހައްޓާފައެވެ.

މެޗުގެ ތިންވަނަ ސެޓުގައި ދިވެހި ޓީމުގެ ކުޅުން ފެނިގެންދިޔައީ ދެވަނަ ސެޓަށް ވުރެއް މާބޮޑަށް ދަށްކޮށެއެވެ. އެގޮތުން ތިންވަނަ ސެޓުން ރާއްޖެ ބަލިވީ 25 ޕޮއިންޓް 15 ޕޮއިންޓުންނެއެވެ. މެޗުގައި ދިވެހި ޓީމުގެ ކުޅުންތެރިންނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޕާކިސްތާން ކުޅުންތެރިން ފޮނުވާލާ ބާރު ބޯޅަތައް ރިސީވްކުރުމުގެ މައްސަލައެވެ.

މި މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެއެވެ.