ވިޔަފާރި

އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ، ރާއްޖޭގައި ފަށައިފި


އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ ރާއްޖޭގައި ފަށައިފިއެވެ.

މި ފޯރަމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުގެ ނިޔަލަށް ހޮޓެލް ޖެންގައެވެ.

'އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ' ނުވަތަ އިފްސާއަކީ ދެކުނު އޭޝިއާގެ ޤައުމުތައް ހިއްސާވާހެން އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ.

މިއަހަރުގެ ފޯރަމް ރާއްޖޭގައި ކުރިއަށްދާއިރު މި ފޯރަމުގައި ޔޫރަޕް، ދެކުނު އޭޝިއާ އަދި މެދުއިރުމަތީގެ ޤައުމުތަކުންނާއި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން މިދާއިރާއާއި ބެހޭ ފުންނާބު އުސް ބޭފުޅުން ބައިވެރިވެއެވެ. މި ފޯރަމް ޝަރަފުވެރިކޮށްދެއްވާފައިވަނީ ސްރީލަންކާގެ އަމާނާ ބޭންކުގެ ޗެއަރމަން އޯސްމާން ކާސިމްއެވެ.

މިއަހަރުގެ ފޯރަމްގެ ތީމަކީ "ސަސްޓެއިނިންގ ދަ އައި.ބީ.އެފް އިންޑަސްޓްރީ އޯވަރ ދަ ނެކްސްޓް ޑެކޭޑް" ނުވަތަ އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަށް އޮތް ދިހަ އަހަރާއި ހަމައަށް ދެމެއްހެޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމެވެ.

ހަތަރު ސެޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި ފޯރަމްގައި ދެކުނު އޭޝިއާ ސަރަޙައްދުގެ އިސްލާމިކް ފައިނޭންސް ސެކްޓަރ އޮތް ހާލަތާއި ހުރި ގޮންޖެހުންތައް އަލިއަޅުވާލާ ދެކުނު އޭޝިއާގެ ޤައުމުތައް ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ.

ފޯރަމާއި ބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މެލޭޝިއާގެ "އިންޓަރނޭޝަނަލް ސެންޓަރ ފޯރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް" ،އިންސެއިފްގެ އެސޯސިއެޓް ޕްރޮފެސަރ އަދި މި ފޯރަމްގެ ޗެއާޕަރސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މި ފޯރަމަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ސްޓޭކްހޯލްޑަރުން ބައިވެރިވާ ފޯރަމަކަށް ވުމާއެކު މި ފޯރަމުގައި މުހިއްމު މަޝްވަރާތަކެއް ކުރެވިގެންދާނެކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖެއަކީ ސަރަޙައްދީ ފެންވަރުގެ އިސްލާމީ ހަބަކަށް ހެދުމަށްޓަކައި މި ފަރާތްތަކާއެކު ބައްދަލުކޮށް ރާއްޖެއަށް ހުރި ފުރުސަތުތައް މި ފޯރަމްގެ ތެރެއިން އެނގިގެންދާނެކަމަށް މުނީޒާ ފާހަގަކުރެއްވިއެވެ.

"ސަރުކާރުން މަސައްކަތްކުރަމުންދަނީ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ރާއްޖެ ހެދޭތޯ. އެހެންވީމަ ދިވެހިރާއްޖެއަކީ މިރީޖަންގެ ހަބަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މުހިއްމުކަމެއް މިއީ މި ރީޖަންގެ ހުރިހާ ސްޓޭކް ހޯލްޑަރުން ގެނެސް އެބޭފުޅުންނާއިއެކީ މަޝްވަރާކޮށް ދިވެހިރާއްޖެއަށް ހޯދޭނެ ފުރުސަތުތަކަކީ ކޮބައިތޯ ބަލާ އެފުރުސަތައް ލިބޭނެ އެންމެ ރަނގަޅު ގޮތަކަށް ދިވެހިރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ސްޓްރެޓެޖިކް ޕްލޭން ބައްޓަންކުރުން. އެހެންވީމަ، މިފޯރަމްގެ ސަބަބުން އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ސެންޓަރަކަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ." ޑރ. މުނީޒާ ވިދާޅުވިއެވެ.

މި ފޯރަމާއެކު އެވޯޑު ދިނުމުގެ ހަފްލާއެއްވެސް ކުރިއަށްދާނެއެވެ. 'އިފްސާ އެވޯޑްސް' ގެ ނަމުގައި ކުރިއަށްގެންދާ މި އެވޯޑަކީ ދެކުނު އޭޝިއާ ޤައުމުތަކުގެ ތެރެއިން އިސްލާމިކް ފައިނޭންސް އަދި ބޭންކިންގ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުން ހޯދާފައިވާ ކުންފުނިތަކަށް ދޭ އެވޯޑެކެވެ.

މިއީ މި ފޯރަމް ބާއްވާ 4 ވަނަ އަހަރެވެ.