ވިޔަފާރި

ޓުއަރިޒަމް މިނިސްޓަރ 3 އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފި


މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަޙީދު 3 އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރގެ މިއަދުން ފެށިގެން އަންނަމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ، ރ އަދި ޅ އަތޮޅަށެވެ.

މިދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، އެއަތޮޅުތަކުގައި ހުރި ގޮންޖެހުންތަކާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމުގެ ބޭނުމުގައި ޓުއަރިޒަމް މިނިސްޓަރ ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ މިދަތުރުފުޅުގައި ނ، ރ އަދި ޅ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، ރިޒޯޓުތައް އަދި ގެސްޓްހައުސްތަކާއެކު "ފަތުރުވެރިކަމުގެ މަސްލަހަތުވެރިންނާއި މުޖުތަމަޢުތައް ގުޅުވައިދިނުމުގެ މަހާސިންތާ" ގެ ނަމުގައި 1 ދުވަހުގެ ބައްދަލުވުމެއް ބާއްވައި، ފުޅާ ދާއިރާއެއްގައި ޚިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓަރ އަލީ ވަޙީދުގެ ދަތުރުފުޅުގެ މަޤްޞަދުތަކުގެ ތެރޭގައި އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމާއި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ތެރެއިން، އަތޮޅުގެ އާންމު ރައްޔިތުންނަށް ހުރި އެހެނިހެން ފުރުޞަތުތައް އިތުރުކުރުން ހިމެނެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން އަތޮޅަށް ލިބޭ ފައިދާތައް އިތުރުކުރުމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް މިދަތުރުފުޅުގައި މަޝްވަރާކުރާނޭކަމަށް ޓުއަަރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.