ވިޔަފާރި

ބޮޑު ޗުއްޓީގައި ނައިޓްމާކެޓް ބޭއްވުމުގެ ފުރުސަތު ހުޅުވާލައިފި


މިއަހަރުގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ ތެރޭގައި މާލެ ސިޓީގައި ނައިޓްމާކެޓް ބާއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ނައިޓްމާކެޓް ބޭއްވުމަށް ހުޅުވާލަނީ 10 ޑިސެމްބަރ 2019 ވަނަ ދުވަހުން ފެށިގެން 10 ޖެނުއަރީ 2020 ގެ ނިޔަލަށް ކަމަށެވެ. އެގޮތުން މާލެސިޓީގެ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިވެސް ނައިޓްމާކެޓް ބޭއްވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ސިޓީ ކައުންސިލުން ބުނީ ނައިޓް މާކެޓް ބޭއްވުމަށް ހުޅުވާލާފައިވާއިރު، ނައިޓް މާކެޓް ބޭއްވޭނީ އެންމެ ގިނަވެގެން 7 ދުވަހުގެ މުއްދަތަށްކަމަށެވެ.

ސިޓީ ކައުންސިލުން މިހާރުވަނީ މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ސިޓީ ކައުންސިލުން ބުނީ އަންނަމަހުގެ 4 ވަނަ ދުވަހު ނައިޓް މާކެޓް ބޭއްވުމަށް ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ހުށަހެޅޭނޭކަމަށެވެ.

މިއަހަރުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ވަނީ ނައިޓް މާކެޓް ބޭއްވުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އުސޫލަށް ބަދަލު ގެނެސް، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވޭނީ ރަމަޟާން މަހުގެ ކުރީކޮޅުގައާއި ބޮޑު ޗުއްޓީ ދުވަސްތަކުގައިކަމަށް ވަނީ ކަނޑައަޅާފައިވެއެވެ. އަދި މިއުސޫލުގެ ދަށުން ނައިޓް މާކެޓް ބޭއްވޭނީ 7 ދުވަހުގެ މުއްދަތަކަށް ކަމަށާއި ނައިޓް މާކެޓް ބޭއްވުމަށް ކޮންމެ ފަހަރަކުވެސް ސިޓީ ކައުންސިލުން އިޢުލާންކުރާނެކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.