ވިޔަފާރި

ފޮރިން މިނިސްޓަރ ޝާހިދު، ފިންލެންޑަށް ވަޑައިގަންނަވައިފި


މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ފިންލެންޑަށް ވަޑައިގަންނަވައިފިއެވެ.

ފޮރިން މިނިސްޓަރ ފިންލެންޑަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ފިންލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރްރީ ކަމަރައިނެންއެވެ.

ޝާހިދުގެ ދަތުރުފުޅުގައި ފިންލެންޑުގެ ފޮރިން މިނިސްޓަރ ޕެކްކާ ހާވިސްޓޯއާއި އެޑިއުކޭޝަން މިނިސްޓަރ ލީ އެންޑަރސަންއާ ބައްދަލުކުރައްވާ އިތުރު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މިބޭފުޅުންގެ އިތުރުން ފިންލެންޑުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނޭކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ރަސްމީ ބައްދަލުކުރެއްވުންތަކުގެ އިތުރުން، މިދަތުރުފުޅުގެ ތެރެއިން ފިންލެންޑާއެކު އެއަރ ސަރވިސް އެގްރިމަންޓެއްގައި ރާއްޖެއިން ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމާއެކު ދެ ޤައުމުގެ ދެމެދުގައި ވައިގެ އުދުހުންތައް ފެށި، އިޤްތިޞާދީ ގޮތުން އިތުރު ފުރުޞަތުތައް ހުޅުވިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓަރ ފިންލެންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލް، މިިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު އިއާދު ހަމީދު އަދި ފިންލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު އަހުމަދު ލަތީފް ބައިވެރިވެވަޑައިގަންނަވައެވެ.