ސިޔާސީ

ރިޕޯޓް: ރާއްޖެ ސީމެގް އެޖެންޑާގައި ހިމެނުން


ކޮމަންވެލްތްގެ ބައެއް ޤައުމުތަކުން
އިސްނަގައިގެން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް - ސީމެގްގެ
އެޖެންޑާގައި ރާއްޖެ ހިމެނުމަށް މަސައްކަތް ކުރަމުންދަނީ ވަކި ފަރާތަކަށް
ފައިދާތަކެއް ހޯދައިދިނުމުގެ މަޤުސަދުގައި ކަމަށް ފޮރިން މިނިސްޓަރ ދުންޔާ
މައުމޫން ވިދާޅުވެއްޖެއެވެ.



ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
ބުނާގޮތުންދިވެހި ދައުލަތަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އަމިއްލަ ވެރިކަންކުރާ،
ދިމުޤްރާތީ ދައުލަތެކެވެ. އެހެންކަމުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް
ބޭރުގެ ޤައުމުތަކުން ބާރު ނުފޯރުވޭނެކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންވެސް
ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ޤާނޫނުއަސާސީ ހިމާޔަތްކޮށް އޭގައި ބުނާ ކަންކަން
ތަންފީޒު ކުރުމަކީ ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް ލާޒިމުކަމެކެވެ



ދިވެހިރާއްޖެއަކީ ވަސީލަތްތަށް މަދު ކުޑަ
ޤައުމަކަށް ވީނަމަވެސް ރާއްޖޭގެ ދާޚިލީ އެކި ކަންކަމުގެ ތެރެއަށް ބަސްބުނެ ބާރު
ފޯރުވުމަށް އެކި ފަހަރުމަތިން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ވަނީ މަސައްކަތް
ކޮށްފައެވެ.



އެހެންނަމަވެސް ދިވެހިންގެ އަމިއްލަ ކަންކަމުގައި
ބޭރުގެ ފަރާތްތަކަށް ބަސްބުނުމުގެ ފުރުސަރު ނުދެއްވާނެކަން ދިވެހިން ވަނީ
ސާބިތުކޮށްދީފައެވެ. ރައީސް އަބްދުއްﷲ ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ވަރަށް
ވަރުގަދައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގައި
ބަސްބުނުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ނުލިބޭނެއެވެ.



ޝަރުޢީ ކޯޓުތަކުގައި ޖިނާއީ އެކި ކުއްތައް ސާބިތުވެ
ސިޔާސީ އެކި ފަރާތްތަކުގެ މައްޗަށް ޖަލުހުކުމް އައުމާ ގުޅިގެން ބައިނަލްއަޤުވާމީ
އެކި ޤައުމުތަކުން ވަނީ ރާއްޖޭގެ މަސްރަހާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.



ރާއްޖެއަކީ ކޮމަންވެލްތްގެ މެންބަރު ޤައުމެއްކަމުން
ކޮމަންވެލްތްގެ ބައެއް ޤައުމުތައް ބައިވެރިވެގެން، ކޮމަންވެލްތް މިނިސްޓީރަލް
އެކްޝަން ގްރޫޕް، ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް މަސައްކަތް
ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ.



ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް ދެއްވި
ޚާއްސަ އިންޓަރވިއުއެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ސީމެގްގެ
އެޖެންޑާގައި ރާއްޖެ ހިމެނުމަށް ބައެއް ޤައުމުތަކުން މަސައްކަތް ކުރަމުންދަނީ
އެއްވެސް އަސާސާސެއްގެ މައްޗަށް ބިނާކޮށްފައި ނޫންކަމަށެވެ. އަދި ސީމެގްގެ
އެޖެންޑާގައި ރާއްޖެ ހިމެނުމަށް މަސައްކަތް ކުރާ ޤައުމުތަކާއެކު މިހާތަނަށް
ކުރެވުނު މަޝްވާރާތަކުގައި ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނަންވީ އެއްވެސް
ސަބަބެއް ދެއްކިފައި ނުވާކަމަށް ފޮރިން މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. އަދި
ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިކަން
ފޯރުކޮށް ދިނުމުގެ ބަދަލުގައި ކެނެޑާ ފަދަ ޤައުމުތަކުން ރާއްޖެއަށް
ދަދިކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ވަކި ފަރާތަކަށް ވެރިކަން ހޯދައި ދިނުމަށް، ނުވަތަ
ވަކި ފަރާތަކަށް ފައިދާ ތަކެއް ހޯދައި ދިނުމަށް ކޮމަންވެލްތްގައި ހިމެނޭ ބޮޑެތި
ބައެއް ޤައުމުތަކުން އެޖަމިއްޔާއަށް ނުހައްޤުން ބާރު ފޯރުވަމުންދާކަމަށް މިނިސްޓަރ
ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އެޤައުމުތަކާއެކު ކުރެވުނު މަސްވަރާތަކުން
ބިނާކުރަނިވި ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އެޤައުމުތަކުގެ އަމިއްލަ އެދުންތަކެއް
އިސްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.



ރާއްޖެއާމެދު ނުހައްޤުން އަމަލުކުރާނަމަ
ކޮމަންވެލްތުން ވަކިވުމާމެދު ވިސްނަން ޖެހިނާނެކަމުގެ އިންޒާރު މިނިސްޓަރ ދުންޔާ
ވަނީ ދެއްވާފައެވެ.



ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން މިމަހުގެ
ތެރޭގައި ފާހަގަކުރާއިރު ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބަސްބުނުމުގެ ފުރުސަރު
ބޭރުގެ ޤައުމުތަކަށް ދީފިނަމަ ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާ، ޤައުމިއްޔަތުގެ
އެންމެ ބޮޑު ފަޚުރު ކަމުގައިވާ އަމިއްލަވަންތަމަށް ބުރޫއެރުން ވަރަށްގާތެވެ. އަދި
ބޭރުގެ ދައުލަތްތަކުން ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް
ކުރުމަށް ފުރުސަތު ސަރުކާރުން ނުދެއްވާނެކަމަށް ރައީސް އަބްދުއްﷲ ޔާމީން ވަނީ
ވިދާޅުވެފައެވެ.



އެގޮތުން ކޮމަންވެލްތުންވެސް ރާއްޖޭގެ
މިނިވަންކަމަށް ބުރޫއަރާފަދަ ގޮތަކަށް ރާއްޖެއާމެދު ނުހައްޤުން އަމަލުކުރާނަމަ
ކޮމަންވެލްތުން ވަކިވުންފަދަ އުނދަގޫ ނިންމުމެއް ނިންމުމަށް ރައީސްޔާމީން ފަސްޖެހި
ވަޑައިނުގަންނަވާނެކަމަށް ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވިއެވެ.