ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ޕާކިސްތާން ވަކިވުމުން ދިވެހިރާއްޖެ ސެމީއަށް


ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުން ޕާކިސްތާން ވަކިވުމުން ދިވެހިރާއްޖެއަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވެއްޖެއެވެ.

މުބާރާތުގެ އަންހެން ވޮލީބޯޅަ އިވެންޓްގެ ގްރޫޕް އޭގައި ހިމެނޭ ޤައުމުތަކަކީ އިންޑިއާއާއި ނޭޕާލާއި ބަންގްލަދޭޝެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ އިތުރުން ސްރީ ލަންކާއާއި ޕާކިސްތާނެވެ. މުބާރާތުގެ ކުޅުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެއެވެ.

ރާއްޖެއަށް މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވީ، ގޭމްސްގެ އަންހެން ޑިވިޝަން ބައިން ޕާކިސްތާން ވަކިވުމުންނެއެވެ. ނަމަވެސް ފިރިހެން ޑިވިޝަން ބައިގައި އެ ގައުމު ވާދަކުރާނެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މުބާރާތުގެ އަންހެން ޑިވިޝަން ބައިން ޕާކިސްތާން ވަކިވީ މާލީގޮތުން ދަތިތަކެއް ހުރުމުންނެއެވެ.

ޕާކިސްތާން މި މުބާރާތުން ވަކިވުމުން، ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ގްރޫޕްގެ 1ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު މެންދުރުފަހުއެވެ.