ޚަބަރު

60000 ރުފިޔާއަށްވުރެ މަތީގެ ޢާމްދަނީން އިންކަމް ޓެކްސް ނަގަނީ


ފަސްދޮޅަސް ހާސް ރުފިޔާއަށްވުރެ މަތިން ޢާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނަގާގޮތަށް މުޅި މަޖިލީހުގެ ކޮމިޓިން ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާއަށްފަހު ކުރިއަށްގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓިގައި ވަނީ އިންކަމް ޓެކްސް ބިލް ދިރާސާކޮށް ނިންމާލާފައެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިންކަމް ޓެކްސްގެ ބިލް ހުށައެޅުއްވީ މަހަކު ސާޅިސް ހާސް ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށެވެ. ނަމަވެސް އެޖެންޑާ 19ގައި ބުނެފައިވަނީ ފަސްދޮޅަސް ހާސް ރުފިރާއިން މަތިން ޢާމްދަނީލިބޭ މީހުންގެ އަތުން ޓެކްސް ނަގާނެކަމަށެވެ.

އެހެންކަމުން ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރުން ހުށައެޅިގޮތަށް ސާޅީސް ހާސް ރުފިޔާއަށްވުރެ މަތިން ޢާމްދަނީލިބޭ މީހުންގެ އަތުން ޓެކްސް ނަގާގޮތަށް ބަދަލުކޮށްފިނަމަ އަންނަ އަހަރު ލިބޭނެކަމަށް ލަފާކުރި އާމްދަނީ މަދުވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މިއަދު ކުރިއަށްގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީއަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ހުށައެޅުއްވީ ފަސްދޮޅަސް ހާހަށްވުރެ މަތިން ޢާމްދަނީލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށް ބިލް އިޞްލާހުކުރުމަށެވެ.

އަދި ޢާމްދަނީން ޓެކްސް ނަގަން ފަށާ އިންސައްތައަކީ 8 އިންސައްތަކަމަށް ކުރިން ބިލްގައި ހިމަނާފައި ވީނަމަވެސް ކޮމިޓީން ވަނީ އެ ޢަދަދު ފަހެއް ޕޮއިންޓު ފަހެއް އިންސައްތައަށް ކުޑަކޮށްފައެވެ. ކޮމިޓިން ވަނީ ސަރުކާރުން ހުށައެޅި ޓެކްސް ނަގާ ބްރެކެޓްތަކަށްވެސް ބަދަލުގެނެސްފައެވެ.

އެ ބަދަލުތަކަކީ:

  • 1 - 60000 އިން ދަށުގެ އާމްދަނީތަކަށް- %0
  • 2 - 60000 އާއި 100،000 އާއި ދެމެދު - %5.5
  • 3 - 100،000 އާއި 150،000 އާއި ދެމެދު - %8
  • 4 - 150،000 އާއި 200،000 ދެމެދު - %12
  • 5 - 200،000 އިން މަތީގެ އާމްދަނީތަކަށް - %15

މި އިޞްލާހުތައް މުޅި މަޖިލީހުގެ ކޮމިޓިން ފާސްކުރީ 31 މެންބަރުންގެ އަޣްލަބިއްޔަތުން.

ފަރުދުންގެ ޢަމްދަނީން ޓެކްސް ނަގަންފަށާނީ މިބިލް ތަސްދީޤްކުރާތާ 3 މަސް ދުވަސް ފަހުންކަމަށްވެސް ކޮމިޓިން ވަނީ ފާސްކޮށްފައެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޢާމްދަނީ ނަގާ ޓެކުހުން ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ ގާތްގަނޑަކަށް 680 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ.