ކުޅިވަރު

ޕާކިސްތާނު ޓީމަކީ ވަރުގަދަ ޓީމެއް، ރަނގަޅު ފައިޓެއް ދޭން ތައްޔާރު: ގައުމީ ވޮލީ ކޯޗު


ރާއްޖެއާއެކު ގްރޫޕް ބީގައި ހިމެނޭ ޕާކިސްތާނު ޓީމަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް ނަމަވެސް، ޕާކިސްތާނާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދޭން ރާއްޖޭ އޮތީ ތައްޔާރަށްކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މިލޮރަޑް ކިޔާޗް ބުނެފިއެވެ.

އަންނަ އާދީއްތަ ދުވަހު ނޭޕާލްގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ވޮލީބޯޅަ މުބާރާތުގެ މެޗުތައް މިއަދު ވަނީ ފަށާފައެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭ ގައި ހިމެނޭ ގައުމު ތަކަކީ އިންޑިއާ، ބަންގްލަދޭޝް އަދި މުބާރާތް ބާއްވާ ޤައުމު ނޭޕާލެވެ. ގްރޫޕް ބީގައި ރާއްޖެގެ އިތުރުން ދެން ހިމެނެނީ ޕާކިސްތާނާއި ސްރީ ލަންކާއެވެ.

މުބާރާތުގައި ދިވެހި ޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދަމާ މެންފުރު ނުކުންނާނީ ވަރުގަދަ ޕާކިސްތާނާ ދެކޮޅަށެއެވެ. އަދި ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެއެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގައުމީ ވޮލީ ޓީމުގެ ޓީމުގެ ކޯޗު މިލޮރަޑް ކިޔާޗް ބުނީ، ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތީ ވަރުގަދަ ސްކޮޑެއް އޮތް ދެ ޤައުމު ކަމަށެވެ. އެ ޓީމުތަކާ ދެކޮޅަށް ރަނގަޅު ފައިޓެއް ދޭން މަސައްކަތް ކުރާނެކަމަށްވެސް ކޯޗު ބުންޏެވެ. ކޯޗު ބުނީ ގޭމްސްގައި ކުޅެންޖެހޭ ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނުކުންނާނީ، އެޓީމަކީ ވަރުގަދަ ޓީމެއްކަން ދަނެގެން ކަމަށާއި، މި މެޗުގައި ރާއްޖޭން އެންމެ ތަންކޮޅެއްވެސް ދޫނުދޭނެކަމަށެވެ.

ބަލްގޭރިއާ، ސާބިއާ އަދި އީރާނަށް ވެސް ކޯޗުކޮށްދިން މިލޮރަޑް ކިޔާޗް ބުނީ، ނޮވެމްބަރު 1 އިން ފެށިގެން މުބާރާތައް ފޯކަސްކޮށް ފަރިތަކުރުންތައް ކުރިޔަށްގެންދަން ފެށިކަމަށެވެ. އަދި އޭގެ ފަހުން ސްރީ ލަންކާއަށް ކުރި ޓްރެއިނިންގ ކޭމްޕްގައި ކުޅުނު މެޗުތަކުންވެސް ޓީމަށް ފައިދާ ކުރިކަމަށް ކޯޗު ބުންޏެއެވެ.

"އަހަރެމެން އޮތީ ވަރުގަދަ ގްރޫޕެއްގައި ޕާކިސްތާންއާއި ސްރީ ލަންކާއާއެކު. ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން މެޗު ކާމިޔާބުކުރަން. ރަނގަޅު ފައިޓެއް ދޭނަން ޕާކިސްތާން ޓީމަށް. ނޮވެމްބަރ 1 ގައި މާލޭގައި ފަރިތަކުރުންތައް ފަށާ އޭގެ ފަހުން ލަންކާގައި ޓްރެއިނިންގ ކޭމްޕެއްވެސް ފުރިހަމަކޮށްފައި މުބާރާތަށް މިއައީ. ކޭމްޕްގައި ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗު ކާމިޔާބުވެސް ކުރެވުނު." ކޯޗު ބުންޏެއެވެ.

ސައުތު އޭޝިއަން ގޭމްސް ފެށެން މަހަކަށް ވުރެ ކުރު މުއްދަތެއް އޮއްވާ ޓީމުގެ މަސައްކަތްތައް ފެށިއިރު، ކޯޗާއެކު ސާބިއާގެ ޓްރެއިނަރެއް ވެސް ގައުމީ ޓީމުގައި މަސައްކަތްކުރެއެވެ. އެއީ ސާބިއާގެ ވޮލީބޯޅައިގެ އެކި ޑިވިޝަންތަކުގައި މަސައްކަތްކޮށްފައިވާ ކިޔަޗް ރަޑޯވަން އެވެ.