ޚަބަރު

ޕެސްޓިސައިޑާބެހޭ ބިލު ފާސްކޮށްފި


ލައިސަންސްނެތި ދަނޑުވެރިކަމަށް ބޭނުންކުރާ ޕެސްޓިސައިޑް ރާއްޖެ އެތެރެކުރާ ފަރާތްތައް ޖޫރިމަނާކުރެވޭގޮތަށް ހުށައެޅި ޕެސްޓިސައިޑާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިބިލް މަޖިލީހުން ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުން ވޯޓުދެއްވައިގެންނެވެ.

ޕެސްޓިސައިޑްސް ބިލުގެ ބޭނުމަކީ ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުޞޫލުތައް ކަނޑައެޅުންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ޕެސްޓިސައިޑް ބޭނުންކުރުމުގައި ޢާންމު ސިއްޙަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް ކުރާ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާގުޅޭ ސިޔާސަތުތަކާއި، އުޞޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައިވެސް ބިލުގައިވެއެވެ.

މި ބިލު ޤާނޫނަކަށްވުމުން، ޕެސްޓިސައިޑާބެހޭ ކަންތައްތައް އެންމެރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، އެގްރިކަލްޗަރ މިނިސްޓްރީގައި ޤާއިމުކުރާނެއެވެ. މީގެއިތުރުން ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައްވެސް މިޤާނޫނުގެ ދަށުން ޤާއިމްކުރެވިގެންދާނެއެވެ.

މިބިލުގައި ޤާނޫނާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ބައެއް ކުށްތަކުގެ އަދަބެއްގެ ގޮތުން ފަސް ހާސް ރުފިޔާއާއިި އެއް ލައްކަ ރުފިޔާއާ ދެމެދުގެ ޢަދަދުން ޖޫރިމަނާކުރުން ހިމެނެއެވެ.

މީގެ އިތުރުން ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ދަފްތަރެއް، ރަޖިސްޓްރާ އެކުލަވާލަން ލާޒިމްކުރާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް ހުށަހެޅި އިޞްލާހުވެސް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.