ޚަބަރު

އެމްއާރުއެމްގެ އިންތިޤާލީ ނައިބު ރައީސުންނަށް މިނިސްޓަރ ޔުމްނާ އާއި ނާދިރާ


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އަލަށް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިޤާލީ ނައިބު ރައީސުންނަށް ރައީސް މައުމޫންގެ ދަރިކަބަލުން ޔުމްނާ މައުމޫންއާއި އާމިނަތު ނާދިރާ ހަމަޖައްސައިފިއެވެ.

އެ ޕާޓީގެ އިންތިޤާލީ އެގްޒެކެޓިވް ކޮމެޓީން ބޭއްވި ބައްދަލުވުމުގައި، ކުރީގެ ރައީސް އަދި އެމްއާރުއެމްގެ އިންތިޤާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ ކުރިމަތިލެއްވީ ނައިބު ލީޑަރުންގެ ތެރެއިން އަންހެނުންނަށް ޚާއްސަކޮށްފައިވާ ސްލޮޓަށެވެ. ނާދިރާގެ ނަން ހުށަހެޅީ އެ ކޮމެޓީގެ އާއްމު މެމްބަރެކެވެ. ނާދިރާގެ އިތުރުން އެ މަގާމަށް ހަސަން ސަމީހު ވެސް ވާދަކުރެއްވިއެވެ. ނަމަވެސް 25 ވޯޓުގެ ތަފާތަކުން އެ މަގާމު ކަށަވަރުކުރެއްވީ ނާދިރާއެވެ.

އެމްއާރްއެމްގެ އަސާސީ ޤަވާޢިދު ބުނާގޮތުން އެޕާޓީގެ މަޤާމުތައް ހަމަޖައްސާފައިވަނީ 50 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްގެންނެވެ. ދެ ނައިބު ލީޑަރުންގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢަބްދުލްއަލީމް ވަނީ ހަމަޖައްސާފައެވެ. އެމްއާރްއެމްގެ ކޮންވެންޝަނެއް ބޭއްވެންދެން އެ މަގާމުތައް ދެމި އޮންނާނެކަމަށް އެ ޕާޓީން ބުނެއެވެ.