ޚަބަރު

ޣަނީ ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި


ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުލްޣަނީ މަޤާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމަށް ނިންމާފައިވާ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ ޖޭއެސްސީން ނިންމާފައިވާ ރިޕޯޓް ދިރާސާކޮށް، އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަށެވެ. މިމައްސަލާގައި ކޮމިޓީން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ޖޭއެސްސީން ފޮނުވާފައިވާ ރިޕޯޓް ރަނގަޅުކަމުގައިވާނަމަ މިމައްސަލަ ތަޅުމަށްފޮނުވާނެއެވެ.

ފަޑިޔާރު ޢަނީއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ކޮން މައްސަލައެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. ޖޭސްސީން ޣަނީގެ ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ފަނޑިޔާރު ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގައެވެ. އޭނާވަނީ މީގެ ކުރިން ހައި ކޯޓުގައި އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ރިޓަޔަ ކުރައްވައިފައެވެ. އޭނާ ރިޓަޔާ ކުރެއްވުމާއި ގުޅިގެން ސްޕްރީމްކޯޓުގެ ހިންގެވުން ވަގުތީގޮތުންވަނީ ހަވާލުކުރައްވާފައިވަނީ ސުޕްރީމް ކޯޓަށް އަލަށް އައްޔަންކުރެވުނު ފަނޑިޔާރު، އަޒަމިރަލްދާ ޒާހިރާއެވެ.