ޚަބަރު

ވަޓްސް އެޕް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާހޯދަމުން އެބަދޭ، ސަމާލުވޭ!


ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށާއި މީހަކު އެދުނު ކަމުގައިވިޔަސް ގޮތް ނޭނގޭ އެކައުންޓް ތަކަށް ފައިސާ ނުފޮނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިކަމަށް ސަމާލުވުމަށް އަންގާފައިމިވަނީ، ވަޓްސްއަޕް މެދުވެރިކޮށް ގުޅައި، ބެންކް އެކައުންޓުން ފައިސާ ފޮނުވަންބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

ފުލުހުން މިއަދު ކުރި ޓުއީޓްތަކެއްގައި ފުލުހުންވަނީ، ރަނގަޅު މުސާރައަކާ އެކު، ރާއްޖެއިން ޕާޓް ޓައިމް ވަޒީފާ ދޭނެކަމަށްބުނެ ވަޓްސްއަޕް މެދުވެރިކޮށް ގުޅައި، ބެންކް އެކައުންޓުން ފައިސާ ފޮނުވަންބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ.

ފުލުހުންގެ ޓުއީޓްގައި ވަނީ ވަޓްސްއަޕް މެދުވެރިކޮށް މުޢާމަލާތުކުރަމުންދާކަމަށް ރިޕޯޓްކޮށްފައިވާ ނަންމަރުތަށް އާންމުކޮށްފައެވެ، އެގޮތުން މިކަންކަން ކުރަމުންދަނީ 13215762192(+) އަދި 1(940)279-2182(+) ނަމްބަރުން ވަޓްސްއަޕުން ގުޅައިގެންކަން ފުލުހުންގެ ތަހުގީގު ތަކަށް މިހާތަނަށް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ކުރި ޓުއީޓް

ފުލުހުން މި މައްސަލަތަށް ތަޙުޤީޤުކުރަމުންދާއިރު، މިހާތަނަށް ކުރި ތަޙުޤީޤުން މިގޮތަށް ގުޅައިގެން ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު މީހުންގެ އަތުންވެސް ފައިސާ ހޯދާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ ގޮތް ނޭނގޭ ފޯން ކޯލްތަކަށް ޖަވާބު ނުދިނުމަށާއި މީހަކު އެދުނު ކަމުގައިވިޔަސް ގޮތް ނޭނގޭ އެކައުންޓް ތަކަށް ފައިސާ ނުފޮނުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ފަރާތެއްގެ އަތުން މިފަދަގޮތަކަށް، އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ބެލެވޭ ނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.