ޚަބަރު

ޑެފިސިޓް ބޮޑުވާގޮތަށް ބަޖެޓް ފާސްކުރުމަކީ ތާއީދު ކުރައްވާކަމެއް ނޫން - މަޖިލިސް ރައީސް


ޑެފިސިޓް ބޮޑުވާގޮތަށް މަޖިލީހުން ބަޖެޓް ފާސްކުރުމަކީ ތާއީދު ކުރައްވާކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ކޮމިޓީން ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގެ މަސައްކަތް ނިންމާފައިވާކަމަށެވެ. ނަމަވެސް ބަޖެޓްގެ މަސައްކަތް ނިންމާފައިވާއިރު ކޮމިޓީން އިތުރަށް ބަޖެޓްގައި އަދަދުތަކެއް ކަނޑައަޅާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. މިކަންކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާއި ކޮމިޓީން މަޝްވަރާކޮށް މިނިސްޓްރީގެ ލަފަޔާއިއެކުގައި ކަމަށްވާނަމަ އެއީ މައްސަލައެއް ނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ބަޖެޓްގެ ޑެފިސިޓް އިތުރުވާގޮތަށް މަޖިލިސް އިން ބަޖެޓަށް ބަދަލުގެނައުމަކީ ތައީދުކުރައްވާކަމެއް ނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ބަޖެޓްގެ މަސައްކަތް ކޮމިޓީ މަރުހަލާއިން ނިންމާފައިވާއިރު، ބަޖެޓަށް މެމްބަރުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އަދި ބަޖެޓަށް ކޮމިޓީން ގެނެސްފައިވާ ބަދަލުތަކާއި މެމްބަރުންގެ ޚިޔާލުތަކާއިއެކު އަންނަ ހަފްތާގެ ހޯމަދުވަހު ބަޖެޓަށް ބަހުސް ކުރުމަށް ހުޅުވާލާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ބަހުސްގެ މަރުހަލާގައި ކޮންމެ މެމްބަރަކަށް 7 މިނިޓްގެ ފުރުސަތެއް ދިނުމަށް ހަމަޖެހިފައިވާކަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ބަޖެޓްގެ މަސައްކަތާއިއެކު މަޖިލީހުގައި ކުރެވޭ އަނެއް މުހިންމު މަސައްކަތަކީ ލާމަރުކަޒީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހާއި، ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ހުށަހެޅިފައިވާ އިސްލާޚުކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. މިމަސައްކަތްތައްވެސް ކޮމިޓީ މަރުހަލާއިން ނިންމާފައިވާއިރު، ބަޖެޓް ފާސްކުރުމުގެ ކުރިން މި ދެ މަސައްކަތް މަޖިލިސް ތަޅުމުން ނިންމާނެކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.