ކުޅިވަރު

ބެޑްމިންޓަން އަތޮޅު ލީގުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޮޅުދޫ ބީޑީސީން ހޯދައިފި


12ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޮޅުދޫ ބީޑީސީން ހޯދައިފިއެވެ.

ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޮޅުދޫން ހޯދީ ފައިނަލުގައި އައްޑޫ ސިޓީ ވެލްތު އެންޑް ރެކްރިއޭޝަން ކުލަބާއި ވާދަކޮށް 3-2 ޓައި އިން މެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ޓައި ކާމިޔާބުކުރީ ހޮޅުދޫންނެވެ. މުޙައްމަދު ރަވީނާއި އިބްރާހީމް ސިރާޖުގެ ޕެއަރއިން އައްޑޫ ސިޓީގެ އިބްރާހީމް ނަޝީދާއި އަޙްމަދު ފައްވާޒްގެ މައްޗަށް ކުރިހޯދީ 2 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއިއެކު 21-12 އިން ކާމިޔާބުކުރީ ރަވީނާއި ސިރާޖުގެ ޕެއަރއިންނެވެ. ނަމަވެސް ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ނަޝީދާއި ފައްވާޒްގެ ޕެއަރއިން ގެންދިޔައީ 23-21 އިންނެވެ. ރަވީނާއި ސިރާޖު ފުރަތަމަ ޓައި ކާމިޔާބުކުރީ ތިންވަނަސެޓު 21-19 އިން ކާމިޔާބުކޮށްގެންނެވެ.

ހޮޅުދޫން ފުރަތަމަ ޓައި ކާމިޔާބުކުރި ނަމަވެސް ދެވަނަ ޓައި އަތުލީ އައްޑޫ ސިޓީގެ ޓީމުންނެވެ. އައްޑޫގެ ނާތިޖް ޢަލީ އާއި ހޮޅުދޫގެ އައުވާން އިޒްހާމް ވާދަކުރި ޓައި ނާތިޖް ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-11 އިން ގެންދިޔައީ ނާތިޖެއެވެ. ދެވަނަ ސެޓުގައި ދެކުޅުންތެރިންވެސް މޮޅު ކުޅުމެއް ދެއްކިއިރު މިސެޓް އައުވާން ގެންދިޔައީ 21-19 އިންނެވެ. ނަމަވެސް ތިންވަނަ ސެޓު ފަސޭހަކަމާއިއެކު 21-6 އިން ގެންގޮސް އައްޑޫ ސިޓީގެ ޓީމުން އުންމީދު ދެމެހެއްޓިއެވެ.

ތިންވަނަ ޓައިގައި ފެނިގެންދިޔައީ ހޮޅުދޫން ވަރުގަދަ ކުޅުމެއް ދައްކައި ޗެމްޕިއަންކަން ހޯދުމާއި ގާތަށް ޖެހިލިތަނެވެ. ހޮޅުދޫގެ މުޙައްމަދު ރަވީނާއި އައްޑޫސިޓިގެ އިބްރާހީމް ނަޝީދު ވާދަކުރި ޓައި ރަވީން ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. މިޓައިގެ ސެޓުތަށް ރަވީން ގެންދިޔައީ 24-22 އަދި 21-13އިންނެވެ.

ހޮޅުދޫން އެޑްވާންޓޭޖް ނެގި ނަމަވެސް ހަތަރުވަނަ ޓައި އަތުލައި އައްޑޫސިޓީގެ ޓީމުން ހޮޅުދޫ ސިއްސުވާލިއެވެ. ހަތަރުވަނަ ސެޓުގައި ހޮޅުދޫ ޓީމުގެ ސިރާޖާއި އައުވާމްގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން ނާތިޖާއި އިބްރާހީމް މުޙައްމަދުގެ ޕެއަރއިން ހަތަރުވަނަ ޓައި ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް އައްޑޫސިޓީގެ ޕެއަރއިން ގެންދިޔައީ 21-18 އަދި 21-10 އިންނެވެ.

ހޮޅުދޫން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފަސްވަނަ ޓައި ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. ފަސްވަނަ ޓައިގައި ހޮޅުދޫ ޓީމުން ނުކުތީ އަޒުހާން އިޒްހާމާއި މުޙައްމަދު އާމިރުގެ ޕެއާއެވެ. އަނެއްކޮޅުން އައްޑޫސިޓީގެ ޓީމުން ނުކުތީ ފައްވާޒާއި އަޙްމަދު ދީދީގެ ޕެއަރއެވެ.

މިޓައި ފަށައިގެން ރަނގަޅަށް ކުޅުނީ އައްޑޫސިޓީގެ ޓީމުންނެވެ. ނަމަވެސް ފުރަތަމަ ސެޓުގެ 16ވަނަ ޕޮއިންޓުން ފެށިގެން ހޮޅުދޫގެ ޕެއަރ މެޗުގެ އޮއެވަރު އެއްކޮށް ބަދަލުކޮށްލިއެވެ. އެޓީމުން ފަހަތުންއަރައި މެޗް ކާމިޔާބުކުރީ ސީދާ ދެސެޓުން ފަހު ޓައި ކާމިޔާބު ކޮށްގެންނެވެ. މި ޓައިގެ ސެޓްތައް އެޓީމުން ގެންދިޔައީ 21-16 އަދި 21-19އިންނެވެ.

ހޮޅުދޫ ބީޑީސީން ޓީމް އިވެންޓުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދާފައިވަނީ 2015ވަނަ އަހަރުއެވެ.