"އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ"، ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް އަދި ސްރީލަންކާގެ 'ޔޫޓީއޯ އެޑޯ ކޮންސަލްޓް' އާއި ގުޅިގެން ބާއްވާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު މާލޭގައި ހޮޓެލް ޖެންގައެވެ.
'އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ' އަކީ ދެކުނު އޭޝިއާގެ ޤައުމުތައް ހިއްސާވާ ގޮތަށް އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ. ފާއިތުވި އަހަރުތަކުގައި މި ފޯރަމް ބާއްވާފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައެވެ.
މިއަހަރުގެ ފޯރަމުގައި ޔޫރަޕްއާއި ދެކުނު އޭޝިއާ އަދި މެދުއިރުމަތީގެ ޤައުމުތަކުންނާއި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުން މިދާއިރާއާއި ބެހޭ ފުންނާބު އުސް ބޭފުޅުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
މި ފޯރަމުގައި އިސްލާމިކް ފައިނޭންސް ދާއިރާ މެދުވެރިކޮށް އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން މިދާއިރާ ކުރިއެރުވޭނެ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ. މީގެ އިތުރުން ވެސް މި ފޯރަމުގައި ހަލާލް ފުޑް އިންޑަސްޓްރީއާއި އިސްލާމިކް ޓޫރިޒަމްއާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި މި ފޯރަމް ބާއްވާއިރު މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެ ކުރިއަރާފައިވާ މިންވަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ފޯރަމްގެ ތެރެއިން ދެކުނު އޭޝިއާގެ އިސްލާމިކް ފައިނޭންސް އެސޯސިއޭޝަންގެ ދަށުން އެކި ޤައުމުތަކުގައި އުފައްދާ ޖަމިއްޔާ މާލޭގައި ލޯންޗުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
މި ފޯރަމާއެކު އެވޯޑު ދިނުމުގެ ހަފްލާއެއްވެސް ކުރިއަށްދާނެއެވެ. 'އިފްސާ އެވޯޑްސް' ގެ ނަމުގައި ކުރިއަށްގެންދާ މި އެވޯޑަކީ ދެކުނު އޭޝިއާ ޤައުމުތަކުގެ ތެރެއިން އިސްލާމިކް ފައިނޭންސް އަދި ބޭންކިންގ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުން ހޯދާފައިވާ ކުންފުނިތަކަށް ދޭ އެވޯޑެކެވެ.
އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ މިއަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވެފައިވާއިރު މިއީ މި ފޯރަމް ބާއްވާ 4 ވަނަ އަހަރެވެ.