ދީން

ރަމަޟާންމަހު ފުރިހަމައަށް ރޯދަ ހިފައިފި މީހާގެ ފާފަ ފުއްސަވާނެ


މާތް ﷲ ގެ ކަލާމްފުޅުކަމަށްވާ ކީރިތި ޤުރުއާން ރަމަޟާންމަހު ކިޔަވައިފިނަމަ ލިބެނޭ ޘަވާބާއި ފައިދާގެ މައްޗަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާ، ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމްގައި ރޭ ވާހަކަދައްކައިފިއެވެ.އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި އިޙްޔާ ފޯރަމް ޚާއްސަކޮށްފައިވާ މައުޟޫއަކީ "ރަމަޟާންމަހު ކީރިތި ޤުރުއާން"މިމަޢުޟޫޢެވެ.މިފޯރަމްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ އެޑްވައިޒަރ ފަޟީލަތުއްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، ފުރިހަމައަށް ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ފާފަތައް މާތްﷲ ފުއްސަވާނެކަމަށެވެ. އަދި ދޮގު ބަސްބުނުމާއި، ދޮގު ނަސޭހަތްދީ، އެއަށް އަމަލުކުރާމީހާ، އޭނާ ރަމަޟާންމަހު ކެއިންބުއިން ދޫކޮށްލުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.ޝައިހް މުހައްމަދު ރަޝީދުގެ ވާހަކަފުޅުގައި، ތިމާއާ ދިމާއަށް މީހަކު އަޑުލާ، ހުތުރުބަސް ބުނެފިނަމަ، އެމީހަކާދިމާއަށް މަޑުމޮޅިކަމާއިއެކު ތިމާ ރޯދައަށް ހުރިކަން ހަދާންކޮށްދެއްވުމަށް ނަސޭހަތްތެރިވިއެވެ. އަދި ރޯދަމުގެ ރޯދަ ހިފުމަށްފަހު، އެހެން ބޮޑު ފާފައަކަށް އަރައިނުގެންފިނަމަ މާތްﷲ އެމީހަކަށް ވަރަށް މަތިވެރި ދަރަޖައެއް އާޚިރަތްދުވަހުން ދެއްވާނެކަމަށް ވިދާޅުވެ، ރަމަޟާންމަހުގެ މާތްކަމުގެ މައްޗަށް ވަރަށް ތަފްސީލްކޮށް އަލިއަޅުއްވާލެއްވިއެވެ.ޝައިހް މުހައްމަދު ރަޝީދު އިބްރާހީމްގެ ވާހަކަފުޅުގައި، ﷲގެ ކަލާމްފުޅު ކިޔެވުމާއި، އެއަށްބެލުމާއި، އަޑުއެހުމާއި، އުނގެނުމާއި، އުންގަންނައިދިނުމުން ލިބޭނެ ފައިދާއާއި ޘަވާބުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ. އަދި ފަހު ދިހައިގެ މަތިވެރިކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.