ޚަބަރު

އޮސްޓްރޭލިއާ އެވޯޑް، ރާއްޖޭގެ 12 ދަރިވަރަކަށް ދީފި


އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ދެމުން އަންނަ ސްކޮލަޝިޕް ރާއްޖޭގެ 12 ދަރިވަރަކަށް ދީފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އޮސްޓްރޭލިއާ އެވޯޑްސްގެ ދަށުން ދޭ ސްކޮލަޝިޕްތަށް ދަރިވަރުންނާ ޙަވާލުކޮށްދެއްވީ ފޮރިން ސެކެެޓްރީ ޢަބްދުލްޣަފޫރު މުޙައްމަދެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޮސްޓްރޭލިއާ އެވޯޑް މިއަހަރު ޙާވާލުކޮށްފައިވަނީ، އަންޑަރ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ފެންވަރަށް ކިޔެވުމަށް ދިން ސްކޮލަޝިޕްތަކެކެވެ. އޮސްޓްރޭލިއާ އެވޯޑްސް މޯލްޑިވްސް އިން ބުނީ ސްކޮލަރޝިޕްތަކަށް ހޮވޭ ކުދިންނަށް ކިޔެވުމުގެ ހުރިހާ ހަރަދުގެ އިތުރުން އޮސްޓްރޭލިޔާއަށް ދެކޮޅު ދަތުރުގެ ޓީކެޓާއި، މެޑިކަލް އިންޝޫރަންސްއާއި އަދި އެހެނިހެން އިނާޔަތްތައްވެސް ލިބޭނެ ކަމަށެވެ. މިފަހަރު އޮސްޓްރޭލިއާ އެވޯޑްސް އިން 12 ފުރުސަތެއް ދީފައިވާއިރު، މިއީ މިދިޔަ އަހަރު އޮސްޓްރޭލިއާ އެވޯޑްސްއިން ދިން ސްލޮޓްތަކަށްވުރެ 4 ސްލޮޓް އިތުރު ޢަދަދެކެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، ފޮރިން ސެކެެޓްރީ ޢަބްދުލްޣަފޫރު މުޙައްމަދުވަނީ، ރާއްޖެއާއި އޮސްޓްރޭލިއާގެ ގާތް ބަދަހި ގުޅުުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ވޭތިވެ ދިޔަ އަހަރުތަކުގައި އޮސްޓްރޭލިއާ ސަރުކާރުން ދިވެހިންނަށް ކެޕޭސިޓީ ބިލްޑިންގްގެ ދާއިރާއިން ފޯރުކޮށްދޭ އެހީ ފޮރިން ސެކެޓްރީ ފާހަގަކުރެއްވިއެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުންދޭ އޮސްޓްރޭލިއާ އެވޯޑްސްއިން ރާއްޖެއަށްދޭ ސްކޮލަޝިޕްގެ އަދަދު އިތުރުވުމަކީ، މި ގާތް ގުޅުމުގެ ހެތްކެތްކަމަށް ފޮރިން ސެކެޓްރީ ވިދާޅުވިއެވެ. ފޮރިން ސެކެޓްރީގެ ވާހަކަދުޅުގައިވަނީ އޮސްޓްރޭލިއާ އެވޯޑްސް ހޯދި ފަރާތްތަކަށް މަރުހަބާ ދަންނަވާ، އެ ފަރާތްތަށް ޤައުމުގެ ނަން ރޯޝަންކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް ވަނީ ގޮވާލައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުއީޓް

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށް ދެމުން އަންނަ ސްކޮލަޝިޕް ރާއްޖޭގެ 12 ފަރާތަތަކަށް މިއަހަރު ދީފައިވާއިރު، އަންނަ އަހަރު ދިނުމަށް ނިންމާފައިވާ ބައެއް ސްކޮލަޝިޕްތަށް އޮސްޓްރޭލިއާ އެވޯޑްސް ވެބްސައިޓުން ވަނީ އިއުލާންކޮށްފައެވެ. މި ސްކޮލަޝިޕްތަކަށް އަންނަ އަހަރުގެ ފެންރުއަރީ މަހުގެ 1ކުން އޭޕްރީލްމަހުގެ 30 އަށް ހުޅުވާލާނެކަމަށްް އޮސްޓްރޭލިއާ އެވޯޑްސް ވެބްސައިޓުގައި ވެއެވެ.