ޚަބަރު

އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ފާސްކޮށްފި


އަވަހާރަކޮށްލާފައިވާ ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލާގެ މައްޗަށް ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ހިމެނޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިގޮތަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ވޯޓާއި އެކުއެވެ. ދެކޮޅަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ޑރ.އަފްރާޝިމް ޢަލީގެ މަރުގެ މައްސަލަ ތަޙްޤީޤްކޮށް އެކުލަވާލި ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ވަނީ 11 ކަމެއް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

ކޮމިޓިން އެކުލަވާލި ރިޕޯޓްގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ޖިނާޢީ ކަންކަން ހިންގާފައިވާކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ މީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުމާއި، އަފްރާޝީމް މަރުގެ މައްސަލާގައި ހިމެނޭ މީހުން މިހާރު ތިބި ތަނާއި އެމީހުންނާއި ބެހޭ އިތުރު މައުލޫމާތުތައް ކޮމިޓީއާއި ހިއްސާކުރުން ހިމެނެއެވެ. އަދި ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދާ ގޮތާއި ، އެ ފައިސާގެ މިންވަރު މީރާ މެދުވެރިކޮށް ބެލުމަށްވެސް ކޮމެޓީގެ ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ސަލަފް ޖަމްޢިއްޔާއިން ފާއިތުވި 7 އަހަރު ހިންގާފައިވާ ފައިސާގެ މުޢާމަލާތްތައް ބެލުމާއި އަފްރާޝީމް އަވަހާރަކޮށްލުމަށް ފަނޑުކުރި މީހުން ބެލުންވެސް ހިމެނެއެވެ.

މީގެ އިތުރުން ރިޔާސީ ކޮމިޝަނަށް ދޮގު މަޢުލޫމާތު ދިން މީހުންގެ ނަންތައް ސިއްރުނުކޮށް އާއްމުކުރުމާއި، އެމީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށްވެސް ކޮމެޓީންގެ ނިންމުމުގައިވަނީ ގޮވާލާފައެވެ. އޭގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރިޔާސީ ކޮމިޝަނަށް ދޮގު މަޢުލޫމާތު ދީފައިވާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާތީ އެކަމަށްވެސް ފިޔަވަޅު އެޅުމަށް ކޮމިޓިގެ ރިޕޯޓްގައި ހިމަނާފައިވެއެވެ.

ޑރ އަފްރާޝިމް އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުން ރާއްޖެ ދޫކޮށް ބޭރަށް ފުރާފައިވާތީ އެމީހުން ފުރުމަށް ހުއްދަ ދިން މީހުންނާއި އެމީހުން ފުރި ތާރީޚާއި އެކަމުގައި ބައިވެރިވި މީހުން ހޯދުމަށްވެސް ކޮމިޓީން އެކުލަވާލާ މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓްގައިވެއެވެ.

އަފްރާޝިމްގެ މަރުގެ ތަޙްޤީޤްކޮށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގަައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ޖަރީމާ ހިންގަން ބަޔަކާ ޙަވާލުކުރީ ރާއްޖޭގައި ހިންގާ ހަރުކަށި ޖަމާއަތެއްގެ ބައެއްކަމަށް ވަނީ ބުނެފައެވެ.

މިރިޕޯޓުގައި ފާހަގަކޮށްފައިވާ ތުހުމަތައް ޖަމިއްޔަތު ސަލަފާއި ޑރ ޝަހީމު ވަނީ ދޮގުކޮށްފައެވެ.

2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 2 ވަނަދުވަހު ވަރަށް ރަހުމްކުޑަގޮތަކަށް ޑރ އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ އޭނާ ދިރިއުޅުއްވި ގޭގެ ސިޑި ގޮޅިތެރޭއެވެ. މި މައްސަލާގައި ދައުލަތުން ހ. ލޮބީ ހުސެއިން ހުމާމާއި ހ ހިކޯސްޓް އަލީ ޝާންގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. މީގެތެރެއިން ކުށް ސާބިތުވީ ހަމައެކަނި ހުމާމްގެ މަށްޗަށެވެ. އޭނާގެ މައްޗަށް ދަށުކޯޓުން އިއްވި މަރުގެ ހުކުމްވަނީ ސުޕްރީމްކޯޓުންވެސް ދަމަހައްޓާފައެވެ.