ޚަބަރު

ކައުންސިލް އިންތިޚާބުގެ ބައެއް ދާއިރާތައް އަލުން ކަނޑައަޅަނީ


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖޭގެ ތިން ސިޓީގެ ދާއިރާތައް އަލުން ކަނޑައަޅަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާހުތައް ފާސްވެ ތަސްދީޤްކުރައްވައިފިނަމަ ލޯކަލް ކައުންސިލް އިންތިޚާބަށް ބޮޑެތި ބަދަލުތަކެއް އަންނަނާނެކަމަށެވެ.

އެގޮތުން މާލެ ސިޓީއާއި، އައްޑޫސިޓިގެ އިތުރުން ފުވައްމުލައް ސިޓީގައި މީގެ ކުރިން ކަނޑައަޅާފައިވާ އޮތް ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން އެ ސިޓީގެ ދާއިރާތައް އިތުރުވާނެކަމަށާއި، އަދި އިންތިޚާބުކުރާ މެންބަރުންގެ ޢަދަދުވެސް އިތުވެގެންދާނެކަމަށެވެ. އެގޮތުން އެސިޓިތަކަށް އެ ކޮމިޝަންގެ އޮފިޝަލުން ވަޑައިގެން ދާއިރާތައް ކަނޑައެޅުމުގައި ޢަމަލީގޮތުން ބައިވެރިވާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ކުރީގެ އިންތިޚާބުތަކަށްވުރެ ގިނަ އޮފިޝަލުން މި އިންތިޚާބުގައި ބޭނުންވާނެކަމަށެވެ. އެގޮތުން ދިހަ ހާސް ފަސް ސަތޭކައާއި ތޭރަ ހާސް ފަސް ސަތޭކައާ ދެމެދުގެ އޮފިޝަލުން ބޭނުންވާނެކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ، އެއްފަހަރާ ފަސް ކަރުދާސްކޮޅު ކޮންމެ މީހަކަށް ވޯޓުލުމަށް ލިބޭނެކަމަށެވެ. އެއީ ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ ރައީސްއާއި، އަތޮޅުކައުންސިލްގެ މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ސިޓި ކައުންސިލްހެ މޭޔަރުންނާއި، ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްއާއި އެކޮމިޓީގެ މެންބަރުންކަމަށެވެ.

އަކްރަމް ވިދާޅުވީ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވާނެކަމަށެވެ. އެގޮތުން 700 އާއި 1000 ދެމެދުގެ ޢަދަދަކަށް ވޯޓް ފޮށި އިތުރުވެ ކޮންމެ ވޯޓް ފޮށްޓަކަށް 3500 ވޯޓް ކަރުދާސްކޮޅު ލާނެކަމަށް އަކްރަމް ވިދާޅުވެއެވެ. އަކްރަމް ވިދާޅުވީ މިއިންތިޚާބުގައި ވޯޓް ފޮށި ބަހައްޓާ ތަންތަނަށްވެސް ބަދަލު އަންނާނެކަމަށާ، މިއިންތިޚާބުގައި ވޯޓުފޮށި ބަހައްޓާނީ ގިނަ މީހުންނަށް ތިބެވޭނެ ތަންތަނުގައިކަމަށެވެ. އެގޮތުން ބައެއް ތަންތަނުގައި ޓެންޓް ޖެހުމަކީވެސް އެކަށީގެންވާކަމެއްކަމަށެވެ. އެއީ ރާއްޖެއަށް މުޅިން އައި ކަމަކަމަށް ވާނެކަން އަކްރަމް ފާހަގަކުރެއްވިއެވެ.

"މިހާ ގިނަ ޢަދަދަކަށް ވޯޓް ލާއިރު އެއް ވޯޓް ފޮށިން ގުނާނަމަ 16 ގަޑިއިރު ނަގާނެ. އެހެން ގުނާލަގުނާލަ ތިބެވޭކަށް ނެތް. ރައްޔިތުން އިންތިޒާރުކުރަން ބައިތިއްބާކަށް ބޭނުމެއް ނޫން. ސްޕޭސް އޮތް ތަންތާގަ އިންތިޚާބު ބާއްވާނީ. ނަތީޖާ އިޢުލާންކުރުން ލަސް ނުވާނެ." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިންތިޚާބަށް ވާދަކުރުމަށް ހުޅުވާލާނީ ފެބްރުއަީ މަހުގެ 4ވަނަ ދުވަހުކަމަށެވެ. އިލެކްޝަންސް ކޮމިޝަުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޭޕްރީލް 4 ގައި ބޭއްވުމަށް އިޢުލާންކޮށްފައެވެ.