ޚަބަރު

ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުން މާދަމާގެ ޖަލްސާގައި


ސްޕްރީމްކޯޓްގެ ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ފަޑިޔާރުންގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ޖޭއެސްސީން ބަލަމުންދިޔަ މައްސަލައެއްގައި ސަސްޕެންޑްކޮށް ފިޔަވަޅު އެޅުމަށް މަޖިލީހަށް ފޮނުވާފައިވާ ސްޕްރީމްކޯޓުގެ ފަޑިޔާރު އަބްދުލްޣަނީގެ މައްސަލަ ބެއްލެވި ކޮމިޓީގެ ރިޕޯޓް ލިބިވަޑައިގެންފައިވާކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޣަނީގެ ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލިހުން ޣަނީ ވަކިކުރަން ނިންމައިފި ނަމަ، ސުޕްރީމް ކޯޓުގެ ކުރީގެ ހުރިހާ ފަނޑިޔާރުން ބަދަލުވީކަމަށެވެ. ޣަނީއާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދިޔައީ ކޮން މައްސަލައެއްކަން އެކޮމިޝަނުން ހާމަކޮށްފައިނުވެއެވެ. އަދި މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް އޭނާއާއިމެދު ބަލާފައިވަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައިނުވެއެވެ.

ފަނޑިޔާރު ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގައެވެ. އޭނާވަނީ މީގެ ކުރިން ހައި ކޯޓުގައި އަދި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައިވަނީ ޖޭއެސްސީން ބެއްލެވި މައްސަލަތަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ. މިފަޑިޔާރުންގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ރިޓަޔަ ކުރައްވައިފައެވެ. އޭނާ ރިޓަޔާ ކުރެއްވުމާއި ގުޅިގެން ސްޕްރީމްކޯޓުގެ ހިންގެވުން ވަގުތީގޮތުންވަނީ ހަވާލުކުރައްވާފައިވަނީ އަލަށް މިއަހަރު ސުޕްރީމް ކޯޓަށް އައްޔަންކުރެވުނު ފަނޑިޔާރު އަޒަމިރަލްދާ ޒާހިރާއެވެ.