ޚަބަރު

އިންޖިނިއަރިންނާއި މެޑިސިންގެ ދާއިރާއިން ކިޔެވުމަށް 5 ސްކޮލަރޝިޕް ރާއްޖެއަށް ދީފި


މިޞްރުގައި ހުންނަ އަލް އަޒްހަރު ޔުނިވަރިސޓީން އިންޖިނިއަރިންނާއި މެޑިސިންގެ ދާއިރާއިން ކިޔެވުމަށް 5 ސްކޮލަރޝިޕް ރާއްޖެއަށް ދޭން ނިންމައިފިއެވެ.

އެ ޔުނިވަރސިޓީން މިގޮތަށް ނިންމާފައިމިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒް އާއި ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު މިސްރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަލް އަޒްހަރު ޔުނިވަރސިޓީގެ އިމާމް، ފަޟީލަތުލް އިމާމު، އަކްބަރު ޝައިޚުލް އަޒްހަރުއްޝަރީފް އަލްއުސްތާޛުއް ދުކްތޫރް އަޙްމަދުއް ތައްޔިބުއާ ބައްދަލުކުރައްވާ ދެކެވުނު ވާހަކަތަކުގެތެރެއިންނެވެ.

މި ބައްދަލުވުމުގައި ސްކޮލަރޝިޕްގެ އިތުރުން ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ ފޮތާއި މުދައްރިސުންގެ ގައިޑާއި މަންހަޖު ބަހާލެވިފައިވާ ގޮތުގެ ތަފްޞީލުވެސް ވަނީ ދީފައެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދުބުނީ އަރަބިއްޔާގައި ކިޔަވާ ކުދިންގެ ފޮތްތަކުގެ އިލެކްޓްރޯނިކް ވާރޝަންދިނުމަށް އަޒްހަރު ޔނިވަރސިޓީން ނިންމާފައިވާކަމަށެވެ. ފޮތްތައް ގުދަންތަކުން ނެގުމާއި ޕެކްކުރުމާއި އެއަރ ފްރައިޓް ކުރުމުގެ ހުރިހާ ޚަރަދެއް އަޒްހަރު ޔުނިވަރސިތީން ކޮށްދޭގޮތަށް ހަމަޖެހިގެންދިޔަކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮންމެ އަހަރކުވެސް އަޒްހަރު ޔުނިވަރސިޓީން އަންނަނީ ޢަރަބިއްޔާ ސްކޫލަށް ބޭނުންވާ ފޮތްތަކާއި ޓީޗަރުން ފޮނުވަމުންނެވެ.