ވިޔަފާރި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބައްދަލުވުމެއް ބާއްވައިފި


ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޚާއްސަ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ.

ސްޓެލްކޯގެ ކޮންފަރެންސް ހޯލްގައި ބޭއްވި މި ބައްދަލުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ހަސަން ވަހީދު ވިދާޅުވީ، މި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި ބައްދަލުވުމުގެ ތެރެއިން ކުންފުނިތައް ހިންގަން ދިމާވެފައިވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް މަޝްވަރާކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވަހީދު ވިދާޅުވީ ކުންފުނިތަކުގެ ބޯޑުން ބާރުތައް ބޭނުންކުރުމަށްވެސް ލަފާ ދެއްވިކަމަށާއި އަދި ކޯޕަރޭޓް ގަވަނަންސް އުސޫލު ވަރުގަދަ ކުރަން ކުންފުނިތަކަށް ބާރުއެޅިފައިވާކަމަށެވެ.
ސަރުކާރު ހިއްސާވާ 34 ކުންފުނި މިވަގުތު އޮތްއިރު މި ބައްދަލުވުމުގައި އޭގެތެރެއިން 90 އިންސައްތަ ކުންފުނިން ބައިވެރިވިއެވެ. މިއީ މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިޔަ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ މިފަދަ ޑައިރެކްޓް ސެޝަންތައް ކުރިއަށްއޮތް ތަނުގައިވެސް ބޭއްވުމަށް ވިސްނަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް ކޯޕަރޭޓް ގަވަނަންސް ސަމިޓެއްވެސް ބޭއްވުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޕީސީބީން ވިދާޅުވެއެވެ.