ޚަބަރު

ފަނޑިޔާރުން ބަދަލުކުރުމަކުން އަދި ޝަރުޢީ ދާއިރާ އިސްލާހެއް ނުވާނެ - ނަޝީދު


ފަނޑިޔާރުން ބަދަލުކުރުމަކުން އަދި ޝަރުޢީ ދާއިރާ އިސްލާޙުވެގެން ނުދާނެކަމަށާ، މިދާއިރާއަށް ބޭނުންވާ ޢިލްމީ ޤާބިލްކަމާއި ތަމްރީނާއި ވަޞީލަތްތައްވެސް ފުރިހަމަވާންޖެހޭކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފަޑިޔާރުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވާލައިވައި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޯސްކޮށް ޢަމަލުކުރައްވާކަމަށް ކަމާއިބެހޭ ފަރާތްތަކަސް ފާހަގަކުރެވޭ ފަޑިޔާރުންނާމެދު މަޖިލީހުން ގޮތްތަތަކެއް ކަނޑައަޅުއްވަމުންދާކަމަށެވެ. އެގޮތުން ސްޕްރީމްކޯޓްގެ ފަޑިޔާރުންގެ ތެރެއިން 2 ފަޑިޔާރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށްފައިވާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ސްޕްރީމްކޯޓުގެ 2 ފަޑިޔާރުން ވަކިކޮށްފައިވާއިރު، އެއްފަޑިޔާރަކުވަނީ މަޤާމުން އިއްތިއުފާވެސްދެއްވާފައެވެ. އަދި މީގެކުރިން މަޖިލީހުންވަނީ ޤާނޫނަށް ގެނައި ބަދަލާއެކު އިތުރު 2 ފަޑިޔާރަކު ސްޕްރީމްކޯޓަށް އައްޔަންކުރައްވާފައެވެ.

ސްޕްރީމްކޯޓުގެ ބެންޗަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު، އެކޯޓު ހިންގުމާ ވަގުތީންގޮތުން ޙަވާލުވެ ވަޑައިގެންނެވި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފު ރިޓަޔަރކުރެއްވުމާގުޅިގެން ސްޕްރީމްކޯޓު ހިންގެވުން ހަވާލުކުރައްވާފައިވަނީ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއެވެ.

ޖޭއެސްސީން އެންމެފަހުން ބޭއްވި ބައްދަލުވުމުގައިވަނީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ފުރުޞަތު ފަނޑިޔާރުންނަށް ވީހާވެސް ފުޅާ ދައިރާއެއްގައި ހުޅުވައިލުމަށްޓަކައި ހަރުދަނާ ސިޔާސަތެއް އެކުލަވާލައި އާންމުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގެވުމަށް ނިންމަވާފައެވެ.