ވިޔަފާރި

ފަންނު އެކްސްޕޯގެ ތެރެއިން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މި އުނދޯލި!


ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ނުވަތަ ފަންނު އެކްސްޕޯއަކީ އެއްތަނަކުން ދިވެހި އުފެއްދުންތެރިންގެ މަސައްކަތް ބަލާލަން ބޭނުންވާ ފަރާތަކަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. އެތައް ދާއިރާއަކުން ދިވެހިންގެ ފަންނުވެރިކަން މި އެކްސްޕޯގެ ތެރެއިން ފެނިގެންދެއެވެ. ބައެއްތަކެތި ފެނިފައި ހުނަރުވެރިން އަޅުގަނޑުމެންގެ މި މުޖްތަމައުގައި ގެއްލިފައިތިބިކަން ހާމަވެގެންދެއެވެ.

މިއަހަރުގެ އެކްސްޕޯގައި 400 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާއިރު، އަދި އެކި ދާއިރާތަކުން ވާދަކުރުމަށް 3800 އަށްވުރެ ގިނަ އުފެއްދުން މި އެކްސްޕޯއަށް ވަނީ ހުށައަޅާފައެވެ. މުޅި ދަރުބާރުގޭގައި ސްޓޯލްތައް ފުރިފައިވާއިރު އެކްސްޕޯގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔައީ ދަރުބާރުގޭ ފުރަތަމަ ފަންގިފިލާއަށް އަރާއިރު ކުރިމަތިން ފެނިގެންދާ ބޮޑު އުނދޯއްޔެވެ.

މި އުނދޯލި ޚާއްސަވާ ކަމަކީ މުޅި އުނދޯލި ތައްޔާރުކޮށްފައިވަނީ ލިއެލާޖަހައިގެން ކަމަށްވާތީއެވެ. އަޅުގަނޑުގެ ލޮލުގައިވެސް އެންމެ ބޮޑަށް އަޅައިގަތީ މި އުނދޯއްޔެވެ.

މި އުނދޯއްޔަކީ ބ. ތުޅާދޫ އަބްދުލް އަޒީޒް އަބްދުލް ރަހީމް ފަންނު އެކްސްޕޯއަށް ތައްޔާރުކޮށްގެން ގެނައި އުނދޯއްޔެކެވެ. އެކްސްޕޯގެ ތެރެއިން އަޒީޒް ލިއެލާޖަހައިގެން ތައްޔާރުކުރި މި އުނދޯއްޔަށް ވަނީ 3 ވަނައެއް ލިބިފައެވެ. އެއީ މުޅި މައުރަޒުން ރަން ވަނަ، އަމިއްލަ ފަރުދުންގެ ދާއިރާއިން 1 ވަނަ އަދި ލިއެލާ ޖެހުމުގެ ދާއިރާއިން 1 ވަނަ އެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން އަޒީޒް ބުނީ މައުރަޒުގައި އުނދޯއްޔެއް ބައިވެރިކުރުމުގެ ވިސްނުން އައީ ބޭނުންކުރެވޭ އެއްޗެއް މައުރަޒަށް ހުށަހެޅުމުގެ ގޮތުންކަމަށެވެ. މި އުނދޯލީގެ މަސައްކަތްފެށީ މީގެ 3 އަހަރު ކުރިންކަން އޭނާ ފާހަގަކުރިއެވެ.

އަޒީޒް ބުނީ މި އުނދޯއްޔަކީ 2017 ވަނަ އަހަރުގެ މައުރަޒަށް އަމާޒުކޮށްގެން ތައްޔާރުކުރަންފެށި އުނދޯޔެއްކަމަށެވެ. ނަމަވެސް އެފަހަރު މައުރަޒު ކެންސަލްވުމުން މަސައްކަތް ހުއްޓިފައި ހުރުމަށްފަހު މިފަހަރު އަލުން މައުރަޒު ބާއްވަން އިއުލާންކުރުމުން އަނެއްކާ މަސައްކަތް ފެށީކަމަށެވެ.

"މީގެކުރީގައިވެސް އުނދޯލިހަދާ މައުރަޒަށް. އަޅުގަނޑު ވިސްނީ މި އުނދޯއްޔަކީ ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައިލާން. އެގޮތުން ވިސްނީ ސްޓޭންޑާއި އެއްކޮށް ހަދާލަން. މި މަސައްކަތް ފަށައިގެން އުޅޭތާ 3 އަހަރުވަރު ވެއްޖެ. އެކިދުވަހު އެކި މަސައްކަތްކޮށްގެން މައުރަޒަށް މި ނިންމާލެވުނީ." އަޒީޒް ބުންޏެވެ.

އަޒީޒް މި އުނދޯލި ތައްޔާރުކުރުމުގައި ބޭނުންކޮށްފައިވަނީ ފުނަ ލަކުޑިއެވެ. މި އުނދޯލީގެ ސްޓޭންޑް ފަރުމާކޮށްފައިވާނީ ލިއެލާ ޖަހާ އެކި ބައްޓަންތައް ސިފަވާގޮތަށެވެ. އެގޮތުން އުނދޯލި ސްޓޭންޑްގެ އެންމެ ތިރި ސިފަވަނީ މާޓުކުރިއަކާއެވެ.

މި އުނދޯލީގެ މަސައްކަތް ނިންމާލުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަން އަޒީޒް ފާހަގަކުރެއެވެ. އެގޮތުން އޭނާގެ އާއިލާއިން ދިން އެއްބާރުލުމަށް އޭނާ ޝުކުރުވެރިވެއެވެ. ފަންނު އެކްސްޕޯގެ ތެރެއިން މި އުނދޯލި ވިއްކާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. އުނދޯލި ވިއްކާލުމަށް ހަމަޖެހިފައިވަނީ ތިންލައްކަ ފަންސާސްހާސް ރުފިޔާއަށެވެ. އުނދޯލި ގަތުމަށް މިހާރުވެސް ބައެއް ފަރާތްތަށް ސައުޤުވެރިކަން ފާޅުކުރަމުން އަންނަކަމަށް އަޒީޒް ވިދާޅުވިއެވެ.

"މި އުނދޯލި މިއިނީ ތިންލައްކަ ފަންސާސްހާސް ރުފިޔާއަށް. މަޑުމަޑުން ޝައުގުވެރިކަން އެބަ ފާޅުކުރޭ. އުންމީދުކުރަނީ ވިކޭނެކަމަށް." އަޒީޒް ބުންޏެވެ.

އެކްސްޕޯގެ ތެރެއިން ވާދަވެރިކަން ބޮޑުކަމަށާއި، ނަމަވެސް އޭނާގެ އުފެއްދުމަށް ވަނަ ލިބުމުން އުފާވާކަމަށް އަޒީޒް ބުންޏެވެ. 2015 ވަނަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުންވެސް އަޒީޒްވަނީ ރަންވަނަ ހޯދާފައެވެ. އެފަހަރު އޭނާ ތައްޔާރުކުރީ ލިއެލާ ޖަހައިގެން މާޓުކުރިއެކެވެ.

އަޒީޒްގެ ލިއެލާޖެހުމުގެ ހުނަރު އޭނާ އެހެން މީހުންނަށްވެސް ދަސްކޮށްދީ މިއީ އުވިގެން ނުދާނެ މަސައްކަތަކަށް ހަދަން ބޭނުންވެއެވެ. އެހެންކަމުން ލިއެލާޖަހަން ބޭނުންވާ ހުރިހާ އެންމެންނަށް އަޒީޒްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށާއި، ދަސްކުރަން ބޭނުންވާ ކުދިންނަށް ހިލޭވެސް މިކަން ކޮށްދޭނެކަމަށް އޭނާ ބުނެއެވެ.