ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް މިއަހަރު ހިންގާ އެންމެ ފަހު ހަރަކާތް ޗައިނާގައި


ޖާރނީ ޓު ދަ ސަނީ ސައިޑް ނަމުގައި އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ސިލްސިލާ ރޯޑް ޝޯވގެ ތެރެއިން ކުރިއަށްގެންދާ އެންމެ ފަހު ރޯޑް ޝޯވ ޗައިނާގައި ފަށައިފިއެވެ.

ޗައިނާގައި ކުރިއަށްގެންދާ ރޯޑް ޝޯވއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ ފަރާތުން ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މިއަހަރު ކުރިއަށްގެންދާ 13 ވަނަ ރޯޑް ޝޯވއެވެ.

މި ރޯޑް ޝޯވ ކުރިއަށްދާނީ ޗައިނާގެ ބެއިޖިން، ޝަންހާއީ، ގުއަންޒޯ އަދި ޗެންޑޫގައެވެ. މި ރޯޑް ޝޯވ ކުރިއަށްދާނީ މި ނޮވެމްބަރު 25 ވަނަ ދުވަހުން އަންނަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އެމްއެމްޕީއާރުސީއާއި ސިންގަޕޯރ އެއާލައިންސްއާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިރޯޑް ޝޯވގެ މަޤްސަދަކީ ޗައިނާ މާކެޓުގައި ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް ފުޅާދާއިރާއެއްގައި ތަމްސީލު ކުރުމެވެ. އަދި މި ރޯޑް ޝޯވގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ޗައިނާގެ އެންމެ ބޮޑެތި ޓުއާ އޮޕަރޭޓަރުންނާއި ބައްދަލުކޮށް، ރާއްޖެއަށް މިހާރަށް ވުރެ އިތުރަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރުމަށް އެފަރާތްތަކާ އެކު މަޝްވަރާކުރާނެއެވެ.

އެމް.އެމް.ޕީ.އާރު.ސީއާއެކު ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 11 ކުންފުންޏަކުން މި ރޯޑް ޝޯ ގައި ބައިވެރިވެއެވެ. މި އިވެންޓުގައި ބެއިޖިން، ޝަންހާއި، ގުއަންޒޯ އަދި ޗެންގްޑޫގެ ޓުއާ އޮޕަރޭޓަރުންނާއި ބައްދަލުކުރުމާއި ޑެސްޓިނޭޝަން ޕްރެޒެންޓޭޝަންގެ ދިނުމުގެ އިތުރުން ކޮންމެ ސިޓީއެއްގައި ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޗައިނާ އިން ވަނީ ރާއްޖެއަށް 230،349 (ދެލައްކަ ތިރީސްހާސް ތިންސަތޭކަ ސާޅީސް ނުވައެއް) ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 3.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެމް.އެމް.ޕީ.އާރު.ސީއިން ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް އެގައުމުގައި މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން ޗައިނާގެ އައުޓްބައުންޑް ޓްރެވަލްއަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފެއާ، ޗައިނާ އައުޓްބައުންޑް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓް (ކޮޓަމް) ގައި ވަނީ ބައިވެރިފައެވެ. އެއީ ދެލައްކައެއްހާ މީހުން ޒިޔާރަތްކުރި ފެއާއެކެވެ.

މީގެއިތުރުން ވެސް ސޯޝަލް އަދި ޑިޖިޓަލް މީޑިއާ ކެމްޕޭންތަކާއި އިތުރުން ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި އައުޓްޑޯ އެޑްވަޓައިޒިންގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ސިންގަޕޯރ އެއާލައިންސްއާއި ގުޅިގެންވެސް ޗައިނާ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް އެމްއެމްއެމްޕީއާރުސީން ދަނީ ކުރިއަށްގެންދަމުންއެވެ.