ސިޔާސީ

އިނގިލީގެ ނިޝާން ހުށަނާޅާ ފާރާތްތަކުން، ހުށަހެޅުމަށް އަންގައިފި


ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން އިނގިލީގެ ނިޝާން ނެތްފަރާތްތަކުން މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްތިރީހުގެ ކުރިން  އިނގިލީގެ ނިޝާންތައް ހުށައަޅާ ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.ޕީ.އެސް.އެމަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީއެއްގެ މެންބަރަކަށްވުމައްޓަކާ، އިނގިލީގެ ނިޝާން ހުށައެޅުން ކޮންމެހެން ލާޒިމް ކަމަށެވެ. ނަމަވެސް އިނގިލީގެ ނިޝާން ނެތްފަރާތްތައް ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އަދިވެސް ރަޖިސްޓްރީވެފައި އެބަތިބިކަމަށާއި އެހެންކަމުން މެންބަރުންގެ ފިންގަރ ޕްރިންޓް ހަމަކުރުމަށް ޑިސެމްބަރު މަހުގެ ނިޔަލަށް ޕާޓީތަކަށް ފުރުސަތު ހުޅުވާލީކަމަށެވެ.އަންނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ޕިންގަރ ޕްރިންޓް ނެތްފަރާތެއް ނުހުންނާނެކަމަށް އީ.ސީގެ ނައިބް ވިދާޅުވިއެވެ.އެކި ފަރާތްތަކަށް ނޭނގި އެމީހުން ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ވައްދަމުންދާ ކަމުގެ ޝަކުވާ އަބަދުވެސް އިލެކްޝަންސް ކޮމިޝަނަށް ލިބެމުންދާކަމަށާއި، ފިންގަރ ޕްރިންޓް ހަމަކުރުމުން މިޝަކުވާތައް އައުން ހުއްޓިގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.