ވިޔަފާރި

ކުޑަކުދިންގެ ނަމުގައި ހިއްސާ ގަންނަ މިންވަރު އަންނަނީ އިތުރުވަމުން


ކުޑަކުދިންގެ ނަމުގައި ޙިއްސާ ގަންނަ މިންވަރު އިތުރުވަމުން އަންނަކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އަދި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓްރީޒްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ނޫރުބާން ފަހުމީ ވިދާޅުވީ، އިސްލާމިކް ބޭންކުގެ އައިޕީއޯއިން އެންމެ ބޮޑަށް ފާހަގަވި ކަމަކީ ކުޑަކުދިންގެ ނަމުގައި މީހުން ހިއްސާ ގަންނަ މިންވަރު އިތުރުވަމުން އަންނަ މިންވަރުކަމަށެވެ. ކުޑަކުދިންގެ ނަމުގައި ހިއްސާ ގަތުމަކީ އޭގެޒާތުގައި ރަނގަޅުކަމެއްކަމަށާއި، މީގެ ސަބަބުން އެކުދިން ބޮޑުވެގެން އަންނައިރު ހިއްސާގެ މުއާމަލާތްތަކަށް އަހުލުވެރިވެގެންދާނެކަމަށް ނޫރުބާން ވިދާޅުވިއެވެ.

"ކުޑަކުދިންނަށް މީހުން އިންވެސްޓްކުރަމުން ދިއުމަކީ ރަނގަޅުކަމެއް. ކުދިންގެ މުސްތަޤްބަލާއިމެދު ވިސްނާ އިންވެސްޓްކޮށްގެން އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކަށް މީހުން ވިސްނަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ." ނޫރުބާން ވިދާޅުވިއެވެ.

އިސްލާމިކް ބެންކުން ހިއްސާ ގަތް މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، 10 އަހަރުން ދަށުގެ ކުދިންގެ ނަމުގައި ހިއްސާގަތް އިންސައްތައަކީ 17.31 އެވެ. 11 އަހަރާއި 20 އަހަރުގެ މީހުން 10.11 އިންސައްތަ ހިއްސާގަތްއިރު 21 އަހަރާއި 30 އަހަރުގެ މީހުން ވަނީ 17.38 އިންސައްތަ ހިއްސާ ގަނެފައެވެ.

އަދި 31 އަހަރާއި 40 އަހަރުގެ މީހުން 21.92 އިންސައްތަ ހިއްސާ ގަތްއިރު 41 އަހަރާއި 50 އަހަރުގެ މީހުން ހިއްސާގަތް ނިސްބަތަކީ 15.76 އިންސައްތައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ ކުރީގައި ސެޓްފިކެޓެއްގެ ގޮތުގައި ހިއްސާ ގެންގުޅުނު ނަމަވެސް މިހާރު ހިއްސާ ގަތުމާއިއެކު ކޮންމެ މީހެއްގެ ނަމުގައިވެސް ޑިޕޮސިޓްރީގައި އެކައުންޓެއް ހުޅުވިގެންދާނެކަމަށެވެ. މިއީ ބެންކެއްގައި ފައިސާ ޖަމާކުރާގޮތަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ޑިޕޮސިޓްރީގައި ހިއްސާ ޖަމާކުރާ މުއާމަލާތެކެވެ. މީގެ ސަބަބުން ހިއްސާ ވިއްކާލަން ބޭނުންވާ ހާލަތެއްގައި ފަސޭހައިން ވިއްކާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.