ވިޔަފާރި

އިސްލާމިކް ފައިނޭންސަށް ޚާއްސަކޮށްގެން ސީއެމްޑީއޭއިން ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފި


އިސްލާމިކް ފައިނޭންސަށް ޚާއްސަކޮށްގެން ސީއެމްޑީއޭއިން ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ އިސްލާމިކް ޑިވެލޮމްޕަންޓް ބޭންކް، އައިޑީބީގެ އިސްލާމިކް ރިސަރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް، 'އިރްތީ' އާއި ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި މިދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ޙަރަކާތްތެރިވާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ޓްރެއިނިންގ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން 30 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގައި އައިޑީބީގެ އިސްލާމިކް ރިސަރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ހުނަރުވެރި ބޭފުޅުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސީއެމްޑީއޭގެ ހެޑް އޮފް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އަބްދުﷲ ޒަކަރިއްޔާ ވިދާޅުވީ އައިޑީބީގެ އިސްލާމިކް ރިސަރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް އާއި ގުޅިގެން ކޮންމެ އަހަރަކުވެސް މިފަދަ ރިސާޗް ޕްރޮގްރާމުތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ކުރީ އަހަރުތަކަށް ވުރެ ފުޅާކޮށްކަމަށާއި މި ޕްރޮގްރާމުގެ ތެރެއިން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތައް ބައިވެރިންނަށް އެނގިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޒަކަރިއްޔާ ވިދާޅުވީ ސީއެމްޑީއޭގެ އުއްމީދަކީ މި ޕްރޮގާރާމު ނިމުމާއެކު އިސްލާމިކް ފައިނޭންސްގެ ގިނަ ޕްރޮޑަކްޓްތައް އުފެދިގެން ދިއުންކަމަށެވެ.

" އަޅުގަނޑުމެން 'އިރްތީ' އާއި ގުޅިގެން ކޮންމެ އަހަރަކު އިސްލާމިކް ފައިނޭންސްއާއި ގުޅުންހުރި ޓްރެއިނިންގ ޕްރޮގާރާމުތައް އެބަ ހިންގަން. މިދޔަ އަހަރު ހިންގީ މީގެ ބޭސިކް ޕްރޮގާރާމެއް. މި ފަހަރު މިހިންގަނީ އެޑްވާންސްޑް އެއްޗެއް. މީގެ ސަބަބުން ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ޕްރޮޑަކްޓްތައް އިތުރަށް ތަޢާރަފްކުރެވި ރާއްޖޭގެ އިސްލާމިކް މާކެޓް ކުރިއަށްގެންދިއުމަށް މަގުފަހިވާނެ." ޒަކަރިއްޔާ ވިދާޅުވިއެވެ.

މި ޕްރޮގާރާމް ކުރިއަށްދާނީ މިމަހުގެ 25 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ގިނަ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.